2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަޕާން ވެއްޖެއެވެ.
ޖަޕާން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ކޮލިފައިންގެ އޭޝިޔާ ބައްރުގައި ރޭ ބަހްރެއިން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.
އޭޝިޔާ ބައްރުގެ 18 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކޮލިފައިންގެ ތިންވަނަ ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ. ގްރޫޕް ސީ ގައި ހިމެނޭ ޖަޕާނުން 7 މެޗު ތިންވަނަ ބުރުގައި ކުޅެފައިވާއިރު އެ ޓީމަށް ވަނީ 19 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނަ މަގާމް ލިބިފަ އެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް އޮސްޓްރޭލިއާއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯ ގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އިތުރު ކޮށްފައިވާއިރު އޭޝިޔާއަށް ވަނީ މި މުބާރާތުން 8 ޖާގަ ލިބިފަ އެވެ. މީގެ އިތުރު އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފް ކާމިޔާބު ކޮށްފިނަމަ އޭޝިޔާއަށް އިތުރު ޖާގައެއް ލިބިގެންދާނެ އެވެ.
ޖަޕާނުގެ ސައިޓަމާގައި ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކޮށްފައިވާއިރު, މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައިވަނީ ކްރިސްޓަލް ޕެލަސްގެ ޑައިޗީ ކަމާޑާ އާއި ރެއާލް ސޮސިއެޑާޑްގެ ޓަކެފޫސާ ކޫބޯ އެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ދެވަނަ ބުރަށް ޖަޕާން ކޮލިފައިވި ނަމަވެސް ދެވަނަ ބުރުގައި ކްރޮއޭޝިއާ އަތުން ބަލިވެފައިވަނީ ހިތްދަތި ގޮތަކަށް ޕެނަލްޓީ ޖަހައިގެންނެވެ.