ތަޖުރިބާކާރު އަދި ފޯމުގައި ހުރި ފޯވާޑް ލައުޓާރޯ މާޓިނޭޒްވެސް އާޖެންޓީނާ ޓީމުން އުނިކޮށްފިއެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އުރުގުއާ ވާދަކުރަން ތައްޔާރުވާ ޓީމުން އޭނާ އުނިކުރީ ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެ އެވެ.
އުމުރުން 27 އަހަރުގެ އިޓަލީގެ އިންޓަމިލާނުގެ ފޯވަޑް އިޓާލިއަން ލީގުގައި މިދިޔަ ހަފުތާގައި އިންޓަމިލާން އެޓްލާންޓާ އަތުން މޮޅުވި މެޗުގައި އިނީ ބެންޗުގަ އެވެ. މިދިޔަ އާދީއްތަ ދުވަހު ކުޅުނު މި މެޗަށް ފަހު ގައުމީ ޓީމަށް ކުޅެން ލައުޓާރޯ ވަނީ އާޖެންޓީނާ އަށް ވެސް ގޮށްފަ އެވެ. ނަމަވސް އޭނާގެ ވާތު ފަޔަށް ލިބިފައިވާ އަނިޔާ ރަނގަޅު ނުވާތީވެ ގައުމީ ކޯޗާއި ޑޮކްޓަރުން މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ އޭނާ ލައްވައި ނުކުޅުވާށެވެ.
ލައުޓާރޯ މާޓިނޭޒް އަކީ އާޖެންޓީނާ ޓީމުން އަނިޔާގައި ތިބި ލިސްޓަށް އެންމެ ފަހުން އިތުރުވި ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ކެޕްޓަން ލަޔޮނަލް މެސީ އާއި ގޮންޒާލޯ މޮންޓިއެލް އަދި ޖިއޮވާނީ ލޮސެލްސޯ އާއި ޕައުލޯ ދިބާލާ އަށް ވެސް ވަނީ އަނިޔާވެ ޓީމުން އުނިކޮށްފަ އެވެ.
އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އަދި އެންމެ ފަހުގެ ދެ ފަހަރު ވެސް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަށް މި ކުޅުންތެރިން ކޮލިފައިންގައި ނެތަސް މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ސަބަބަކީ ދެކުނު އެމެރިކާ ކޮލިފައިންގައި އެމީހުން އެއްވަނާގައި އޮތުމެވެ. މިހާތަނަށް 12 މެޗު ކުޅެގެން އާޖެންޓީނާ ވަނީ 25 ޕޮއިންޓް ހޯދައިފަ އެވެ.
މި ފަހަރުގެ ކޮލިފައިން ބުރުގައި ހުކުރު ދުވަހު އުރުގުއޭއާ ދެކޮޅަށް ކުޅުމަށް ފަހު ފަސް ވަނާގައިވާ ވާދަވެރި ބްރެޒިލާ ދެކޮޅަށް ކުޅޭނީ އަންގާރަ ދުވަހު އެވެ.
އާޖެންޓީނާ ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވުމެވެ. ހާއްސަކޮށް ކެޕްޓަން މެސީ އަށް މި ފަހުން ގިނަ ދުވަސްތަކެއްގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލޭގޮތް ވުމަކީ ކޯޗު ސްކަލޯނީގެ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ.