ޚަބަރު

އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް!


  • މައްސަލަ ދަނީ ތަހުގީގުކުރަމުން

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބުރާސްފަތިދުވަހުގެރޭ ގެއެއް ބަލާފާސްކޮށް، 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިކަމަަށެވެ.

ތަހުގީގުކުރިއަަށްދިޔަ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިމްގްރޭޝަންގެ މުވައްޒަފުންނާ ގުޅޭ މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށާފައިމިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައި، އެއޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އިމްގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓުވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި އޮޕަރޭޝަންތަކުގައި އިސް ދައުރެއް އަދާކުރަމުންދަނީ އިމިގްރޭޝަންގެ އޮފިސަރުންނެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މީގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން މިދިޔަ އަހަރު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް 13 މުވައްޒަފަކު ހައްޔަރުކޮށް އެމައްސަލަވެސް ވަނީ ބަލާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ޚިޔާނަތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެމައްސަލަވެސް ފުލުހުންވަނީ ތަޙުޤީގުކޮށްފައެވެ.

ސަރުކާރުގެ އިސްވެރިންވެސް ހިމެނޭގޮތަށް އެއްވެސް ފަރާތަކުން ޤަވާއިދާ ޚިލާފަށް ނުވަތަ އުސޫލާ ޚިލާފަށް އެއްވެސް މީހަކަށް ކަމެއް ކޮށްދީފިނަމަ ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފިކަން އެމަނިކުފާނަށް އެނގޭ ހިސާބުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމުގައި ހުރި ޝަމްޢާން ވަހީދު ވަނީ މަޤާމުން ވަކިކުރައްވާފައެވެ.