ޚަބަރު

ޙަމާސްގެ މިސައިލް ޙަމަލާއެއް ޔަހޫދީންގެ ވެރިރަށަށް


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދިޔަ ޢުދުވާނީ ޙަމަލާަތައް އަލުން ފަށާފައި ވަނިކޮށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ.

ޙަމާސުން ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައި މި ވަނީ ޙަމާސުން ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު އަލް-އަޤްޞާ ފްލަޑުގެ ނަމުގައި ޔަހޫދީންނާ ދެކޮޅަށް ޖިހާދީ ޙަމަލާތަކެއް ދިންތާ 530 ދުވަސް ފަހުންނެވެ.

ޙަމަލާގައި ޙަމާސުން ވަނީ ދުރު ރާސްތާއަށް ދަތުރުކުރާ އެމް90 ތިން ރޮކެޓު ޔަހޫދީންގެ ވެރިރަށް ތެލް އަވީވް ވަނީ ފޮނުވާފައެވެ.

ޙަމާސްގެ މި ޙަމަލާއަކީ 15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމަށް ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމްކުރި އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދޭން ފަށާފައިވާ ޙަމަލާތަކުގެ ބަދަލުގައި ދީފައިވާ ފުރަތަމަ ރައްދެވެ. އެ ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖު އެއްގަމު މަގުން ޣައްޒާއަށް އަރަމުން ދަނިކޮށެވެ.

ޙަމާސުން ދީފައިވާ ޙަމަލާއިން ޣައްޒާއަށް ކެނޑިނޭޅި 15 މަސް ދުވަސް ވަންދެން ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދިން ނަމަވެސް ޔަހޫދީންނާ ދެކޮޅަށް މިސައިލު ޙަމަލާތައް ދިނުމުގެ ޤާބިލުކަން ޙަމާސަށް އަދިވެސް ލިބިގެންވާކަން ހާމަވެގެން ދެއެވެ. ޙަމާސްގެ ޙަމަލާއާ ގުޅިގެން ތެލް އަވީވުގެ ވައިގެ ބަނދަރުތަކަށް ކުރާ ބައެއް ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ.

ޔަހޫދީން ރަމަޟާން މަހުގެ 18ވަނަ ދުވަހު ޣައްޒާއަށް ދޭން ފަށާފައިވާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 710 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.