މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް، އެއް ވަގުތެއްގައި 100އަށްވުރެ ގިނަ ނުރައްކާތެރި ޙަމަލާ ދީފައެވެ. އެ ޙަމަލާތަކާ އެކު، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައި މި ވަނީ ދެ މަސް ދުވަހަށް ފަހުއެވެ.
އެ ދުވަހު ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ދީފައި ވަނީ ފަތިހުގެ ވަގުތުގައެވެ. ގެދޮރު ނެތިކޮށްލާފައިވާ ޣައްޒާގެ ރެފިއުޖީންނާއި ނިކަމެތީން ނިދާފައި ތިބި ވަގުތުގައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 436އަށް އުފުލިފައެވެ. އޭގެ ތެރޭގައި 183 މައުސޫމު ކުޑަކުދިންނާއި 94 ކުށެއް ނެތް އަންހެނުން ހިމެނެއެވެ. އަދި، ގައިބާރު ދެރަވެފައިވާ 34 މީހުން ވެސް ހިމެނެއެވެ.
އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފިރިހެނުންގެ އަދަދު 125އަށް އަރާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 678 އަށް އަރައިފައެވެ. އެ ދުވަހުގެ ޙަމަލާތަކުގައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
މާރިޗު 18ވަނަ ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާ ގަޑިން މެންދުރު 2 ޖެހުމާ ހަމައަށް ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔައެެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޣައްޒާގެ 23 ސަރަޙައްދަކަށް ޔަހޫދީންގެ އަނިޔާވެރި ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޣައްޒާގެ އުތުރާއި ދެކުނުގެ ގިނަ ސަރަޙައްދުތައް ހިމެނެއެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ޖަބާލިޔާ، ބަޔިތު ޙާނޫން، ޣައްޒާ ސިޓީ، ދަޔިރް އަލް-ބަލަޙް، ޚާން ޔޫނިސް އަދި ރަފަޙް ހިމެނެއެވެ.
އޭގެ ތެރޭގައި ގިނައީ، ގެދޮރު ނެތި ކޮށްލާފައިވާ ރެފިއުޖީން ދިރިއުޅުމަށް ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކެވެ. ޢާންމުން ދިރިއުޅޭ ގެދޮރާއި، މަގުމަތިކޮށް، ނިކަމެތި ކޮށްލާފައިވާ މީހުން ދިރިއުޅެމުން ދިޔަ ފޭލިގެ ކޭމްޕުތަކެވެ. އެއް ޙަމަލާގައި، ޚާއްޞަ އެހީއަށް ބޭނުންވާ އަންހެނަކު ވެސް ޝަހީދު ކޮށްލިއެވެ. އެ މީހާ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އަލް-ރަންތީސީ ކުޑަކުދިންގެ ހަސްފަތާލު ކައިރިއަށް ދިން ރަޙުމު ކުޑަ ޙަމަލާއެއްގައެވެ.
ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔަލުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދެ މަދަރުސާއަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮން އަޅާފައެވެ. އެއީ، ޣައްޒާ ސިޓީގެ ދަރާޛުގައި ހުންނަ އަލް-ތަބައްޔުން މަދަރުސާއާއި، ރަފަޙްގެ ހުޅަނގުއުތުރުގައި ހުންނަ ދާރް އަލް-ފަޟީލާ މަދަރުސާއެވެ. އެ ދެ ތަނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި 25 މީހުން ޝަހީދު ކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދޭން ފަށާފައިވާ ޙަމަލާތަކާ އެކު ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުންނަށް އައު ބިރުވެރިކަމަކާއި ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އަދި، އެހީތެރިކަމެއް އަދި ސަލާމަތެއް ނެތް ކަމުގެ އިހުސާސް އައުވެފައިވާ ކަމުގައެވެ.
"އެ މީހުން ތިބީ ހައިހޫނުގައި ޖެހިފައި. ކާބޯތަކެތި ލިބޭނެ އެއްވެސް ގޮތެއް ނެތް. [ޔަހޫދީ ފައުޖުން ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމާ ގުޅިގެން] 500,000އެއްހާ މީހުންނަށް ބޯފެން ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން ދިޔަ ފެން ޕުލާންޓެއް ނުހިންގޭ. މި ހުރިހާ ކަމެއް ތަޙައްމުލު ކުރަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުން އެ ދުވަހު ހޭލީ އިތުރު ނުރައްކާތެރި ޙަމަލާތަކަކާ އެކު،" ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ހާލަތު ދުނިޔެއަށް ހާމަ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އަލް ޖަޒީރާގެ ނޫސްވެރިއަކު ބުންޏެވެ.
ޖައްބާރު ނަތަންޔާހޫ ބުނީ، މާރިޗު 18ވަނަ ދުވަހުގެ ޙަމަލާތަކަކީ ފެށުމެއް ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާ ޢުދުވާން ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށާއި، ޢުދުވާނާއި ޖަރީމާތައް އިތުރުކޮށް ފުޅާ ކުރަމުންދާނެ ކަމުގައެވެ. އޭނާގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރާ އެކު ޣައްޒާގެ ތެރެއަށް ވަނުމަށް ތައްޔާރުވެފައެވެ.
ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންގެ ޤަތުލުޢާންމު ފެށުމާ އެކު، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ ޖަރީމާތައް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ހަތިޔާރުތައް ޔަހޫދީންނަށް ފޯރުކޮށްދޭން ފަށްޓަވާފައެވެ. އަދި، ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރަައީސް ކަމުގެ މަޤާމާ ޙަވާލު ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަން ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި، ދުނިޔޭގެ ލަދަށް ކުރިން ހިފަހައްޓާފައި އޮތް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ޔަހޫދީންނަށް ފޮނުވުމުގެ ހުއްދަ ދެއްވައި، އެ ކަމަށް މަގުފަހި ކޮށްދެއްވާފައެވެ.
ޣައްޒާ ޢުދުވާން މެދުކަނޑައިލާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެެއިން 33 މީހުން މިނިވަން ކޮށްފައެވެ. ނަމަވެސް، ޣައްޒާ ޢުދުވާން ހިންގުން ޔަހޫދީން އަލުން ފަށާފައި މި ވަނީ، އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމަށް އިންކާރު ކުރުމަށް ފަހުއެވެ. ނިރުބަވެރި ނަތަންޔާހޫ މި ގޮތަށް އަމަލު ކުރުމަށް ނިންމާފައި ވަނީ ޓްރަމްޕްގެ ރުހުމާ އެކުގައެވެ.
15 މަހަށް ދެމިގެން ދިޔަ ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,700އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އަދި، 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މީގެ އިތުރުން، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ބޮޑެތި ގެއްލުންތަައް ދީފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ ހުރިހާ ހަސްފަތާލެއް ވެސް ހިމެނެއެވެ.