ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅެވޭނެ އެވެ.
ކުއާޓަރ ފައިނަލުގެ ހަތަރު މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރުތައް މިރޭ ކުޅޭއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް މެޗަކީ މީގެ ކުރިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީ އާއި ޖަރުމަން ބައްދަލުކުރާ މެޗެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން 12:45 ގައި ކުޅޭ މެޗަށް މި ދެ ޓީމު ނިކުންނައިރު ޖަރުމަނުން މި ހިސާބަށް ދަތުރު ކޮށްފައިވަނީ ގްރޫޕް އޭ3 ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ޖަރުމަން އިން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށްފަ އެވެ.
ޖަރުމަނުން މި މެޗަށް ނިކުންނައިރު އެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ތޯމަސް މުލާ އާއި ޓޯނީ ކްރޫޒްގެ އިތުރުން މެނުއެލް ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއިއެކު އެ މަގާމުތަކަށް އައު ކުޅުންތެރިން ކޯޗު ވަނީ ނަގާފަ އެވެ.
އަނެއްކޮޅުން މި މެޗަށް އިޓަލީ ނިކުންނައިރު އެ ޓީމުން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ނަމަވެސް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ އަށް އޮތް ހަމައެކަނި އުނދަގުލަކީ އެ ޓީމުގެ ފޯވަޑް މަޓެއޯ ރެޓެގުއި ނެތްތަން ފޫބައްދާނެ ކުޅުންތެރިއަކު ހޯދުމެވެ. ސްޕަލޭޓީ ބުނެފައިވާ ގޮތުގައި ޖަރުމަނާއި ދެކޮޅަށް ކުޅޭ ދެ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ.
ކުއާޓަރ ފައިނަލުގައި ކުޅޭ އެހެން މެޗުތަކަށް ބަލާއިރު ޑެންމާކާއި ޕޯޗުގަލް, ނެދަލޭންޑްސް އާއި ސްޕެއިންގެ އިތުރުން ފްރާންސް އާއި ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ މެޗު ހިމެނެ އެވެ.
ފުރަތަމަ ލެގުގައި މިރޭ ކުޅޭ މެޗުތަކަށްފަހު މި ޓީމުތައް ދެވަނަ ލެގުގައި ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ.
މީގެ އިތުރުން މިރޭ ނޭޝަންސް ލީގުގެ ޕްލޭއޮފްގައި ޔޫކްރޭން އާއި ދެކޮޅަށް ބެލްޖިއަމް ކުޅޭނެ އެވެ. މި މެޗަކީ ކުރިއަށް އޮތް ސީޒަނުގައި މި ދެ ޓީމުގެ ތެރެއިން އޭ ކެޓަގަރީގައި އޮންނާނީ ކޮން ޓީމެއްތޯ ކަނޑައެޅުމަށް ކުޅެވޭ ޕްލޭއޮފް މެޗެކެވެ.