އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ދަރިފުޅު, ލުއިސް ބުފޮން ކުޅޭނީ އިޓަލީގެ ބަދަލުގައި ޗެކް ރިޕަބްލިކުގެ ގައުމީ ޓީމަށް ކަމަށް އޭނާ ބުނެފިއެވެ.
އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލުކީޕަރުންގެ ތެރޭގައި ހިމެނޭ ބުފޮންގެ 17 އަހަރުގެ ދަރިފުޅު, ލުއިސް ވަނީ ޗެކް ރިޕަބްލިކްގެ 18 އަހަރުން ދަށުގެ ޓީމުން އިނގިރޭސިވިލާތާއި ފްރާންސްގެ އިތުރުން ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ހިމަނާފަ އެވެ.
އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ޕިސާ އަށް ކުޅެމުންދާ ލުއިސް ބުފޮން ބުނެފައިވަނީ އޭނާ ޗެކް ރިޕަބްލިކްއަށް ކުޅެން ނިންމީ އާއިލާގެ މެމްބަރުންނާއިވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ލުއިސް ބުފޮންގެ މަންމަ އަކީ ޗެކް ރިޕަބްލިކްގެ މަޝްހޫރު މޮޑެލް އެކެވެ.
"އަހަރެން އާއިލާގެ މެމްބަރުންނާއި މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރިން. އަދި މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރާއި އަދި ކުރިއެރުމަށް އެންމެ ރަގަޅު ގޮތްކަމަށް ގަބޫލުކުރެވޭތީ ޗެކް ރިޕަބްލިކަށް ކުޅެން ނިންމީ." ލުއިސް ބުންޏެބެ.
އެއް ފެންވަރެއްގައި 28 އަހަރު ކުޅުނު ޖިއާންލުއިޖީ ބުފޮން ވަނީ އިޓަލީގެ ގައުމީ ޓީމަށް 176 މެޗު ކުޅެދީފަ އެވެ. އަދި އިޓަލީގެ ސެރިއާ 10 ފަހަރު ޔުވެންޓަސް އާއިއެކު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ޕީއެސްޖީ އާއިއެކު ފްރެންޗް ލީގު ވަން ކާމިޔާބުކޮށްފައިވާއިރު ޕާމާ އާއިއެކު ޔޫއެފާ ކަޕް ވަނީ ކާމިޔާބުކޮށްފަ އެވެ.
ލުއިސް ބުފޮން އިތުރަށް ބުނެފައިވަނީ ފުރަތަމަ ފަހަރަށް އޭނާއަށް ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމުން އެކަމާ އޭނާގެ މަންމަ އާއި ބައްޕަވެސް އުފާވެފައިވާ ކަމަށެވެ.
"މިއީ އަހަރެންނަށް ގައުމީ ޓީމުން ފުރުސަތު ލިބޭ ފުރަތަމަ ފަހަރު އަދި އެކަމާ ބައްޕަގެ އިތުރުން މަންމަވެސް އުފާ ކުރޭ. އަހަރެންގެ ބައްޕަ ބުނި ޗެކް ރިޕަބްލިކް އަށް ކުޅެން އަދި އެކަމުގެ ސަބަބުން އޭނާގެ ކުރިއެރުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށް." ލުއިސް ބުންޏެވެ.