ދުނިޔެ

އޮބާމާ ރަސްމީ ދަތުރުފުޅެއްގައި ސްޕެއިނަށް ވަޑައިގެންފި


އެމެރިކާގެ ރައީސް ބަރަކް އޮބާމާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްޕެއިނަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ޑަލަސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާއި ގުޅިގެން  މިދަތުރުފުޅު ފައްޓަވާފައިވަނީ ހަމަޖެހިފައި އޮތް ދުވަހަށްވުރެ 1 ދުވަސް ފަހުން ކަމަށް ޚަބަރުތައް ބުނެއެވެ.  

މެޑްރިޑްގެ ޢަސްކަރީ މަރުކަޒަކަށް ފައިބާވަޑައިގެންނެވުމުން ރައީސް އޮބާމާއަށް މަރުޚަބާ ދަންނަވާފައިވަނީ ސްޕެއިންގެ ރަސްގެފާނު ފެލީޕޭ އަދި އެކްޓިންގ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ މަރިއާނޯ ރަޚޯއީއެވެ. އޮބާމާ މިއަދު ރަސްގެފާނު ފެލިޕޭ އަދި އެކްޓިންގ ޕްރައިމް މިނިސްޓަރ މަރިއާނޯ ރަޚޯއީ އާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ދެކުނު ސްޕެއިންގެ ރޯޓާގައި ޤާއިމްކޮށްފައިވާ އެމެރިކާގެ ޢަސްކަރީ މަރުކަޒަކަށް ޒިޔާރަތް ކުރައްވާނެއެވެ.

ސްޕެއިންއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އޮބާމާވަނީ ޕޮލެންޑްގައި އޮތް ނޭޓޯ ސަމިޓެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.