ކުޅިވަރު

ރާއްޖެ އާއި އިންޑިއާ: މޮޅުވާނީ ކޮން ބައެއް؟


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އާއި އިންޑިއާ މިއަދު އިރުއޮއްސޭއިރު ބައްދަލުކުރާނެއެވެ. މެޗު ކުޅޭނީ އިންޑިޔާ އިރުމަތީގައިވާ ސިޓީކަމުގައިވާ ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމުގައެވެ. މާހައުލު އޮތީ 12 ޑިގްރީގައި ފިނިކޮށެވެ. މިކަން އިންޑިއާ ކުޅުންތެރިންވެސް ފާހަގަ ކުރެއެވެ. އެކަމަކު ފުޓްބޯޅަ ކުޅެން ނުހަނު ފަސޭހަވަރަކަށެވެ.

ދެ ކޯޗުން ބުނަނީ ކީކޭތަ؟

މި މެޗަށް ނުކުންނައިރު އިންޑިޔާގެ ކުޅުންތެރިންނާއި ކޯޗުން ރާއްޖެއާ މެދު މާގިނަ ވާހަކަތަކެއް ނުދައްކަ އެވެ. ދެ ކުޅުންތެރިއަކު ބުނީ ރާއްޖެ އަތުން މޮޅުވާންޖެހޭ ކަމަށާއި އެކަން ނުކުރެވިއްޖެނަމަ ވާނީ ބޮޑު ލަދަކަށް ކަމަށެވެ. އިއްޔެގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އިންޑިޔާގެ ކޯޗު މަނަލޯ މާކޭޒް ރާއްޖެއާ ބެހޭ ގޮތުން ވާހަކަ އެއް ނުދައްކަ އެވެ. އޭނާ ބުނިހާ ވެސް ވާހަކަ އަކީ ތައްޔާރުވަނީ މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންފައި ބަނގްލަދޭޝްއާ ކުޅެންޖެހޭ މެޗަށް ކަމަށެވެ.

ނަމަވެސް ދިވެހި ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ސާކް ސަރަހައްދުގެ ގަދަ ބާރަކީ ރާއްޖެ އާއި އިންޑިޔާ ކަމަށެވެ. މިހެންވެ މެޗުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ. އަދި ރާއްޖެ އުއްމީދު ކުރަނީ ވެސް މޮޅަކަކަށް ކަމަށެވެ.

ރާއްޖެ ވެސް މައިގަނޑު ގޮތެއްގައި މި މެޗުގެ ބޭނުން ކުރާނީ ކޮލިފައިންގައި 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަކަށެވެ.

ރާއްޖޭގެ ތާރީޚަކީ ކޮބާ؟

ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ރާއްޖެ އެންމެ ފުރަތަމަ ކުޅުނު މެޗަކީ 1979 ވަނަ އަހަރު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗެވެ. ސާކް ސަރަހައްދުގައި ރާއްޖެގެ ވާދަކޮށްފައިވަނި ސައުތު އޭޝިއަން ގޭމްސް އާއި ސާފް ޗެމްޕިއަންޝިޕުގަ އެވެ. ސަރަހައްދީ މުބާރާތްތަކުގައި ރާއްޖެ ސީރިއަސް ބަޔަކަށް ގިނަ ގައުމުތަކުން ބަލައިގަތީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ފައިނަލްގައި ވާދަ ކުރުމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ކާމިޔާބީ އަކީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބު ކުރުމެވެ. އެއީ 2008 އާއި 2018ގަ އެވެ. މި ދެ ފަހަރު ވެސް ތަށި ހޯދީ އިންޑިޔާ ބަލިކޮށްފަ އެވެ.

ރާއްޖެ އޮތީ ފޯމުގައިތަ؟

ފީފާ ރޭންކިންގައި ރާއްޖޭގެ ވަނަ އަކީ 162 އެވެ. އިންޑިޔާ އޮތީ 126 ވަނާގަ އެވެ. އެންމެ ފަހުން ރާއްޖެ ކުޅުނު ފަސް މެޗަށް ބަލާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ. 2024 ވަނަ އަހަރު ރާއްގެ ކުޅުނީ ބައިނަލް އަގްވާމީ އެންމެ ދެ މެޗެވެ. މީގެ ތެރެއިން ބަނގްލަދޭޝް އަތުން އެއް މެޗުން އެއްވަރުވެ، ފަހު މެޗުގައި 2-1އިން ބަލިވީ އެވެ.

އިންޑިޔާ އޮތީ 126 ވަނާގަ އެވެ. ހުސްވި 2024 ވަނަ އަހަރު އެމީނުން ވަނީ ބައިނަލް އަގްވާމީ އަށް މެޗު ކުޅެފަ އެވެ. މީގެ ތެރެއިން އިންޑިޔާ އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު އެންމެ މެޗަކުން މޮޅުވެފައިނުވެ އެވެ. ގަތަރު އަތުން 2-1އިން ބަލިވިއިރު ސީނިއާ އަތުން ބަލިވީ 3-0އިންނެވެ. މޮރިޝަސް އާއި ވިއެޓްނާމް އަދި މެލޭޝިއާއާއެކު ކުޅެގެން ވީ އެއްވަރެވެ.

ދެ ގައުމުގެ ރިކޯޑަކީ ކޮބާ؟

ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި އިންޑިޔާ ވަނީ 21 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. މީގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގައި ވާދަކުރި ތިން ފަހަރު ވެސްމެ އެވެ. ތިން ފައިނަކުލުގެ ތެރެއިން ރާއްޖެ ދެ ފަހަރު މޮޅުވި އެވެ. އެކަމަކު ޖުމުލަ މެޗުތަކަށް ބަލާއިރު 21 މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ އެންމެ ހަތަރު ފަހަރު އެވެ. ދެ މެޗެއް ވަނީ އެއްވަރުވެފަ އެވެ.

ލަފާކުރެވޭ ފުރަތަމަ 11:

އިންޑިއާ: ވިޝާލް ކައިތު (ގޯލްކީޕަރު)، ސުބާޝިސް ބޯސޭ، ސަންޑީޝް ޖިންގަން، ރާހުލް ބޭކޭ، ނޯރެމް ރޯޝަން ސިންގް، އަޕުއިއާ، ސުރޭޝް ސިންގް، ބްރެންޑްން ފެނާންޑޭޒް، އިރުފާން ޔަދްވަދް، މަންވީރު ސިންގް، ސުނިލް ޗެތުރީ

ދިވެހިރާއްޖެ: ހުސައިން ޝަރީފް (ގޯލްކީޕަރު)، ހުސައިން ޝިފާއު، ސަމޫހު އަލީ، މުޙައްމަދު އިރުފާން، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ، ހުސައިން ނިހާން، އަޙްމަދު އައިހަމް، މުޙައްމަދު ނާއިމް، ހަސަން ނާއިޒް، އަލީ ފާސިރު