ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އާއި އިންޑިއާ މިއަދު އިރުއޮއްސޭއިރު ބައްދަލުކުރާނެއެވެ. އިންޑިއާގެ އިރުމަތީގައިވާ ޝިލޮންގުގައެވެ. ކުޅޭ މެޗަކީ ދެ ޓީމުގެ ކުޅުންތެރިންނަށް ބަލާއިރުވެސް ޚާއްސަ މެޗެކެވެ. ދެ ގައުމުގައިވެސް މުހިންމު ކުޅުންތެރިންތަކެއް އެބަތިއްބެވެ.
އުމުރުން 36 އަހަރުގެ ސެންޓޭ އަކީ މިވަގުތު ރާއްޖެ ޓީމުގައި ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ. އަދި ޓީމުގެ އެންމެ ދޮށީ ކުޅުންތެރިޔާ ވެސްމެ އެވެ. 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެ އަށް ހޯދައިދިނުމަށް ފައިނަލް މެޗުގެ ފަހު ގޯލު ޖެހީ އޭނާ އެވެ.
އަނެއް ކޮޅުން އޭނާ އަކީ ރާއްޖެ އެންމެ ފަހުން ކުޅުނު ބައިނަލް އަގްވާމީ ދެ މެޗުގައި ވެސް ގޯލު ޖެހި ކުޅުތެރިޔާ އެވެ. އޭނާ އަކީ ޓީމު ލައްވައި ކުޅުވައިދެމުން ގޯލު ޖެހުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް މިހާތަނަށް 14 ގޯލު ޖަހައިފައިވާ ކުޅުންތެރިޔާ އަކީ އިންޑިޔާ މެޗުގައި އިދިކޮޅު ޓީމުން އެންމެ ފާރަވެރިވާނެ އެއް ކުޅުންތެރިޔާ އެވެ. ސަބަބަކީ ޓީމުގެ އެޓޭކްގައި އެންމެ މުހިންމު ދައުރެއް ކުޅެދޭނެ މީހަކަށް އޭނާ ވާތީ އެވެ.
ހަމްޒާ މުޙައްމަދަކީ ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އެވެ. މުޅި ގޭމްގެ ޓެމްޕޯ ހިފަހައްޓައި ދިނުމުގެ ގާބިލްކަން ލިބިފައިވާ ކުޅުންތެރިއެކެވެ. ރާއްޖޭގެ ގޭމްގެ ސްޕީޑް ހިފެހެއްޓޭނީ މެދުތެރެއިން އޭނާ ކުޅުމެއްގެ މައްޗަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޭނާ އަކީ މެދުތެރެ އަށް ކުޅެމުން ކުރިއަރައި ގޯލް ޖެހުމަށް ވެސް ކުޅަދާނަ ކުޅުންތެރިއެކެވެ. ނިއުރޭޑިއަންޓާއި މާޒިޔާގައި ވެސް އޭއެފްސީ ކަޕުގެ ގިނަ މެޗުތަކެއް ކުޅެފައިވާ ހަމްޕު އަކީ މިވަގުތު ގައުމީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެސްމެ އެވެ.
ކުރީގެ ކެޕްޓަން ސުނިލް ޗެތުރީ އަކީ އިންޑިޔާ ޓީމުގެ އެންމެ އަލިގަދަ ތަރި އެވެ. މިއީ މިދޔަ އަހަރު ރިޓަޔާކުރި ކުޅުންތެރިޔާ އަލުން ގައުމީ ޓީމަށް އައިސް ކުޅޭ ފުރަތަމަ މެޗެވެ. އޭނާ ޓީމަށް ގެނައީ އިންޑިޔާ ލީގުގައި އަދިވެސް އެންމެ ގިނަ ގޯލު ޖަހަމުން އަންނަ ކުޅުންތެރިއަކީ އެއީ ކަމަށްވާތީ އެވެ. ޗެތުރީގެ އުމުރުން މިހާރު 40 އަހަރުވެއްޖެ އެވެ. އެކަމަކު އިންޑިޔާގައި އޭނާ ފަދަ އެހެން ފޯވަޑަކު ނެތެވެ. ސާފް ޗެމްޕިއަންޝިޕް ހަތަރު ފަހަރު ކާމިޔާބުކޮށް އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފަ އެވެ. ސުވާލަކީ މި މެޗުގައި ކޯޗު ފުރަތަމަ 11ގައި އޭނާ ލައްވައި ކުޅުވާނެތޯ އެވެ؟ ފެންނަ ފެނުމަށް އެކަން ނުކުރާންޖެހޭ ސަބަބެއް ނެތެވެ.
ޗެތުރީ އަކީ އިންޑިޔާގެ ގައުމީ ޓީމުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 151 މެޗުން 94 ގޯލު ޖަހައިދީފަ އެވެ.
އިންޑިޔާ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކީ ރޭހުލް ބޭކޭ އެވެ. ޅަ ދުވަސްވަރު މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި ތަމްރީނު ހެދި ސެންޓްރަލް ޑިފެންޑަރުގެ ހާއްސަ އެއް ކަމަކީ އޭނާގެ ވަރުގަދަ ކަމާއި ސްޕީޑާއި ބޮލުން ރަނގަޅު ވުމާއި ހިލޭ ޖެހުންތަކަށް މޮޅުވުމެވެ. ބޭކާ މެޗުގެ ކުރިން ބުނީ ފްރީ ކިކްތަކަކުން މޮޅުވުމަކީ ވެސް ފުޓްބޯޅައިގެ ހާއްސަ ކަމެއް ކަމަށާއި އެކަން ކުރެވޭތީވެ އުފާވާ ކަމަށެވެ. އުމުރުން މިހާރު 34 އަހަރުގެ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 34 މެޗު ކުޅެދީ ދެ ގޯލު ޖަހއިދީގަ އެވެ. ރާއްޖޭގެ ހަލުވި ފޯވަޑުން ހިފެހެއޓުމުގައި އިންޑިޔާ ޓީމުން އޭނާގެ ތަޖުރިބާ މި މެޗުގައި ވަރަށް ބޮޑަށް ބޭނުންކުރާނެ އެވެ.