ޚަބަރު

ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ހުޅަނގު އައްސޭރި ގެނައުމަށް ކުރަމުންދާ މަސައްކަތް ދަނީ އިތުރުކުރަމުން: އދ


ފަލަސްޠީނުގެ ހުޅަނގު އައްސޭރި ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ދުވަހަކަށްވުރެ ދުވަހެއް އިތުރު ކުރަމުންދާ ކަމަށް އގ ގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާއިން ބުނެފިއެވެ.

2023ވަނަ އަހަރުގެ ނޮވެމްބަރު 1ވަނަ ދުވަހާއި 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހާ ދެމެދު އެއްކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އދން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކުގައި ވަޒަންވެރިވެފައިވާ ޔަހޫދީ އާބާދީތައް އެއްކޮށްލައި ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި އެ ސަރަޙައްދުތައް ހިމަނަމުންދާ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނީ އިރުމަތީ ޤުދުސް ހިމެނޭގޮތަށް ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ދިރިއުޅޭ ސަރަޙައްދުތައް ވަރަށް ބޮޑަށް އިތުރު ކޮށްފައިވާ ކަމަށެވެ. ޔަހޫދީ އާބާދީތައް މިހާރު ވަޒަންވެރިވެފައިވާ ސަރަޙައްދުތަކުގެ އިތުރުން ހުޅަނގު އައްސޭރީގެ އިތުރު ސަރަޙައްދުތަކުގައި ވެސް އެތައް ހާސް ހައުސިންގ ޔުނިޓު އެޅުމަށް ޔަހޫދީން ރާވާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުގެ ހޯދުންތައް މި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާގެ ބައްދަލުވުމުގައި ހުށަހަޅާނެއެވެ. ރިޕޯޓާއެކު ނެރުނު ބަޔާނެއްގައި އދގެ ހައި ކޮމިޝަނަރު ވޮލްކަރ ޓަރކް ވިދާޅުވީ ޔަހޫދީން އެ މީހުންގެ އާބާދީގެ ބައެއް އިސްތިޢުމާރު ކޮށްފައިވާ ބިމެއްގައި އާބާދު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށެވެ. ޔަހޫދީންގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ސިފައެއްގައި ފިޔަަވަޅު އެޅުމަށް އޭނާ ގޮވައިލެއްވިއެވެ. އަދި މިހާރުން މިހާރަށް ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންގެ މީހުން ވަޒަންވެރި ކުރުން ހުއްޓައިލަން ޖެހޭ ކަމަށާއި މިހާރު ވަޒަންވެރިވެފައިވާ މީހުން ވެސް އެ ސަރަޙައްދުތަކުން އަނބުރާ ގެންދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ބިން ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމާއި ޔަހޫދީ ސިފައިންނާއި ވަޒަންވެރިން އެ މީހުންނަށް އަނިޔާވެރިވުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

1967ވަނަ އަހަރު ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ 2.7 މިލިޔަން ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން އެ ސަރަޙައްދުތަކުގައި 700،000އެއްހާ ޔަހޫދީން ވެސް ވަނީ ވަޒަންވެރިވެފައެވެ. އެ ސަރަޙައްދުތަކަކީ ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައެއް ނުގަނެއެވެ.