ޚަބަރު

އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ސްޓެލްކޯއިން ޤާއިމްކުރަނީ


  • ސައިކަލް އަދި ކާރު ޗާޖިން ސްޓޭޝަންތައް ވަރަށް އަވަަހަށް ޤާއިމްކުރެވިގެންދާނެ

ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އެފަދަ އުޅަނދުތައް ޗާޖުކުރެވޭނެ ތަންތަން ޤާއިމުކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ނިންމަވާފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ އިލެކްޓްރޯނިކް އުޅަނދު ޗާޖުކުރަން ބޭނުންކުރާ ޓައިވާނުގެ ގޮގޯރޯ ބްރޭންޑްގެ ބެޓްރީ މެނޭޖްމަންޓް ސިސްޓަމެއް ރާއްޖެއަށް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވުމާއެކު، އޭގެ ބެޓެރިތަކާއި ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި ހަކަތައިގެ ސިނާޢަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ޤާއިމްކުރެވިފައިކަމަށެެެވެ. އެގޮތުން ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ކާރު ޗާޖުކުރެވޭނެ ސިސްޓަމެއް ޤާއިމްކޮށްފައިވާއިރު، އެ ތަނުން ވަރަށް އަވަހަށް ޚިދުމަތްދޭން ފެށޭނެކަން ފަހްމީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސްޓެލްކޯ ބިޒްނަސް ސެންޓަރުގައި އިލެކްޓްރިކް ސައިކަލް ޗާޖިން ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށްވެސް ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ މިއީ ހަކަތައިގެ ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދޭނެކަމެއްކަމަށެވެ.

"މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ޤާއިމް ކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ" ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެފަދަ އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެގެނެސް އެ ޓެސްޓް ކުރުމުގެ ފުރުޞަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މީގެއިތުރުން، އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިންގ ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށްވާތީ، މިއީ ސަރުކާރުން އަމާޒުހިފާފައިވާ %33 އަށް ވާޞިލްވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށްއަޅާނެ އިތުރު ފިޔަވަޅެއްކަމަށް ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިން އަބަދުވެސް މަރުހަބާ ކިޔާނެކަމަށާއި މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށްވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ފަހްމީ ވިދާޅުވިއެވެ.