ބޮޑީބޯޑިން ވޯލްޑް ޓުއާގެ މި އަހަރުގެ ފުރަތަމަ އިވެންޓް މޮރޮކޯގައި މިދިޔަ މަހު ފަށާފައިވާއިރު، ރާއްޖޭގެ ބޮޑީބޯޑަރުން އިންތިޒާރުކުރާ އެއް އިވެންޓަކީ މޯލްޑިވްސް ޕްރޯއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މިއަހަރަށް އެކުލަވާލި ކަލަންޑަރުގައިވެސް މޯލްޑިވްސް ޕްރޯ ބާއްވާނެ ތާރީހެއް ކަނޑައަޅާފައެއް ނެތެވެ. އަދި މިދިޔަ އަހަރު މޯލްޑިވްސް ޕްރޯ ބޭއްވި ސަރަހައްދު (ވަރުނުލާ ރާޅުގަނޑު ސަރަހައްދުގެ) ސްޓޭޖް ނަގައި، އެތަން ސާފިންގ އެރީނާއަކަށް ބަދަލުކުރުމުގެ މަސައްކަތަށް އޮތީ ބަންދުކޮށްފައެވެ.
އެމްބީބީއޭ އިން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދޭ ގޮތުގައި މިއަހަރު މޯލްޑިވްސް ޕްރޯ ރާއްޖޭ ގެނައުމަށް އޮތް އެންމެ ބޮޑު ދައްޗަކީ އެއިވެންޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިނެތުމެވެ. އެމްބީބީއޭ އިން ވަނީ 6 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު އަހަރީ ކަލަންޑަރު ފާސްކޮށްފައެވެ.
އެމްބީބީއޭ އިން މާޗު މަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އިބްރާހީމް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުން ފެށިގެން ނުދެއްކި ހުރި ފައިސާގެ ސަބަބުން އެ އެސޯސިއޭޝަނަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާގެ ސަބަބުން ހިނގަމުންދާ އަހަރަށް އިވެންޓްތައް އިންތިޒާމްކުރުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ފުޅާވެގެންދިޔަ އެއް އިވެންޓް ކަމަށްވާ މޯލްޑިވްސް ޕްރޯ ފާއިތުވި ތިން އަހަރުވެސް ބާއްވާފައިވަނީ މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ. އެހެންނަމަވެސް މިއަހަރަށް އެމްބީބީއޭގެ ކަލަންޑަރު އިއުލާނުކޮށް އަހަރީ އާންމު ޖަލްސާގައި އެ ކަލަންޑަރު ފާސްކުރިއިރުވެސް މޯލްޑިވްސް ޕްރޯ ހިމަނާފައެއް ނެތެވެ.
މިކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން އެމްބީބީއޭއާއި ސުވާލުކުރުން އެ އެސޯސިއޭޝަންގެ ސެކެއްޓްރީ ޖެނެރަލް ހަސަން ރަޝީދު ބުނީ އެ އިވެންޓް ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި މިވަގުތު ތަފްސީލު ދެއްވަން ދަތިކަމަށެވެ.
"ބޮޑީބޯޑިން މުބާރާތް ބޭއްވޭތޯ ބަލަނީ. ސަރުކާރު ފަންޑިންގ ލިބިގެން ކުރިޔަށް ގެންދެވޭނީ. އަދި ވަކި ގޮތެއް ނުނިންމަށް. މާލޭގައި ނުބޭއްވިއްޖެނަމަ ބާއްވާނެ އިތުރު ލޮކޭޝަނެއް ހޯދަން ޖެހޭނީ" ހަސަން ބުންޏެވެ.
މޯލްޑިވްސް ޕްރޯއަކީ ކޮންމެ އަހަރަކުވެސް ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ސްޕޮންސަރުންގެ ދީލަތި އެހީއާއި އެކު ކާމިޔާބު ކަމާއެކު ރާއްޖޭގައި ބާއްވާ ބޮޑީބޯޑިންގެ އެންމެ ޝަރަފުވެރި ބައިނަލްއަގްވާމީ އިވެންޓެކެވެ.
ވޯލްޑް ޓުއާރގެ މިއަހަރުގެ ފުރަތަމަ އިވެންޓް މޮރޮކޯގައި ބޭއްވިކަން ފާހަގަ ކުރައްވާ ހަސަން ބުނީ ވޯލްޑް ޓުއާގެ އެއް ލެގު ރާއްޖެއަށް އައުން އަދި ފައިނަލް ކޮށްފައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ސަރުކާރާއި ގުޅިގެން އެމްބީބީއޭއިން އެ އިވެންޓް ބޭއްވުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"މޯލްޑިވްސް ޕްރޯގެ ސަބަބުން ޕްރޯ އެތްލީޓުންނަށް އިންޓަނޭޝަނަލީ ކޮމްޕީޓް ކުރުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުން. އިތުރު އޮޕަޗުނިޓީސް ލިބި އެތްލީޓުން އިތުރަށް ޑިވެލޮޕްވި. ރާޅާ އަޅާ މީހުންގެ މެދުގައި ރާއްޖެ މަގްބޫލުވެ ސްޕޯޓްސް ޓޫރިސްޒަމް ފުޅާކުރުމަށްވެސް މަގުފަހިވި. ހަގީގަތުގައި މާކެޓިންއަށް އިތުރު ކުރިއެރުން އައި މޯލްޑިވްސް ޕްރޯގެ ސަބަބުން" ހަސަން ފާހަގަކުރިއެވެ.
ބޮޑީބޯޑިންގ ޑެސްޓިނޭޝަނެއް ގޮތަށް ރާއްޖެ އިޝްތިހާރުވެ، މީގެ ކުރިން ރާއްޖެއަށް ޒިޔާރަތް ނުކުރާ ފަތުރުވެރިން ރާއްޖެއާއި މެދު ޝައުގުވެރިކަން އުފެދުނު ޕްލެޓް ފޯމަކަށް މޯލްޑިވްސް ޕްރޯވެގެން ދިޔަ ކަމަށާއި، އުންމީދަކީ މިއަހަރުވެސް އެ ލެގު ރާއްޖޭގައި ބޭއްވުން ކަމަށް ހަސަން ފާހަގަ ކުރިއެވެ.
ކުޅިވަރު ވުޒާރާ އާއި ސަރުކާރުންވެސް ސްޕޯޓްސް ޓޫރިޒަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގެ ސާފިންގ އެރީނާއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން ރާޅުގަނޑު ސަރަހައްދުގައި އޮންނަ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަޅާލާ ސާފިން އެރީނާ އެޅުމުގެ މަސައްކަތް ކުރިޔަށްދާއިރު އޭފްރީލް 2024 ގައި ސަރުކާރުން އެ މައްސަކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ.
އެމްބީބީއޭއިން ބުނީ ވޯލްޑް ކްލާސް ސާފިން އެރީނާއެއް އެޅުމަށް ހަދާފައިވާ ޕްލޭނަކީ ވަރަށް ރަނގަޅު ޕްލޭނެއް ކަމަށާއި، އެ ޕްލޭނާއި އެއްގޮތަށް އެތަން ތަރައްޤީކޮށް ނިންމާލައިފިނަމަ އެމްބީބީއޭ އާއި ސާފިންގ އެސޯސިއޭޝަނަށްވެސް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށެވެ.
"އެތަން ތަރައްޤީކޮށް ނިމުނީމަ، ދެ އެސޯސިއޭޝަނަށް ވަރަށް ބޮޑަ ހިންގަން ފަސޭހަވާނެ. ޕްލޭނާ އެއްގޮތަށް ދާނަމަ. އެކަމަކު ލަސްވަމުން ދަންޏާ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. ލޮޖިސްޓިކް ކަންތައްތައް ކުރިޔަށްގެންދަންވެސް އަޅުގަނޑުމެންނަށް ދަތިވާނެ" ހަސަން ބުންޏެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ރަޅާ އެޅުންތެރިންނާއި ބޮޑީ ބޯޑަރުންނަށް ނުދޭ މިންވަރަށް އެއްބާރުލުންދީ ޒަމާނީ ފެންވަރުގެ ސާރފިން އެރީނާ ރާޅުގަނޑު ސަރަހައްދުގައި ވީ އެންމެ އަވަހަށް ތަރައްގީކޮށް ނިންމާ އެތަނުގެ ބޭނުން ހިފަން ފެށޭވަރު ކުރުމަށެވެ.
މޯލްޑިވްސް ޕްރޯ ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި 2025 އައިބީސީ ވޯލްޑް ޓުއާރގެ ފުރަތަމަ އިވެންޓް ބޭއްވީ މޮރޮކޯގައެވެ. މޮރޮކޯ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގެ ނަމުގައި އެ އިވެންޓް ބޭއްވީ 1-16 ފެބުރުއަރީގެ ނިޔަލަށެވެ.
ވޯލްޑް ޓުއާރގެ ދެވަނަ އިވެންޓު ކުރިޔަށްދާނީ 30 މޭ އިން 8 ޖޫންގެ ނިޔަލަށް ބްރެޒިލްގައެވެ. އެއަށްފަހު ޖޫން 13-24 ގައި ޗިލީގައި އިވެންޓެއް ބާއްވާނެއެވެ. އަދި ޖުލައި 5-6 އޮސްޓްރޭލިއާގައި ވޯލްޑް ޓުއާރގެ އިވެންޓެއް ބާއްވާ އިރު ސެޕްޓެމްބަރު 8-3 ޕޯޗުގަލްގައިވެސް ވޯލްޑް ޓުއަރގެ އިވެންޓެއް ބާއްވަން އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ވަނީ ނިންމާފައެވެ.