ދުނިޔެ

ތުރުކީގައި ޕީކޭކޭއިން ދިން ޙަމަލާތަކެއްގައި 3 މީހުން މަރުވެއްޖެ


ތުރުކީވިލާތުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ކުރުދީންގެ ޕީކޭކޭ ޖަމާޢަތުގެ ޙަމަލާތަކެއްގައި 3 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ތުރުކީވިލާތުގެ އަމަނާބެހޭ ދާއިރާތަކުން ބުނީ އެޤައުމުގެ އިރުދެކުނުގައިވާ ސިފައިންގެ މަރުކަޒަކަށް އަމާޒުކޮށް ޕީކޭކޭގެ ހަނގުރާމަވެރިން ކާރުބޮމެއް ގޮއްވާލައި، އެއަށްފަހު ބަޑިން ޙަމަލާތަކެއްދީ 3 މީހުން މަރާލާފައިވާއިރު މީގެތެރޭގައި ސިފައިންގެ ދެމީހުންނާއި އާންމުންގެ އެކަކު ހިމެނޭ ކަމަށެވެ. އަދި މިޙަމަލާތަކުގައި 37 މީހުން ޒަޚަމްވެފައިވާއިރު މީގެތެރޭގައި ސިފައިންގެ 23 މީހުންނާއި އާންމުންގެ 14 މީހުން ހިމެނޭ ކަމަށްވެސް ތުރުކީވިލާތުގެ އަމަނާބެހޭ ދާއިރާތަކުން ބުނެއެވެ.

ތުރުކީވިލާތުގެ ސިފައިންނާއި ޕީކޭކޭ ހަނގުރާމަވެރިންނާ ދެމެދު އެޤައުމުގެ އިރުދެކުނުގެ އެކި ސަރަޙައްދުތަކުގައި ކޮންމެ ދުވަހަކު ޙަމަލާތައް ބަދަލުކުރަމުން ގެންދެއެވެ. ޕީކޭކޭ ޖަމާޢަތުން ތުރުކީވިލާތާ ދެކޮޅަށް 1984 ވަނަ އަހަރު ހަނގުރާމަ އިޢުލާންކުރިފަހުން ދެފަރާތުން ބަދަލުކުރަމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް 40،000 އަށްވުރެ ގިނަމީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.