ޚަބަރު

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި އަނެއްކާ ވެސް ޙަަމަލާއެއް، މި ފަހަރު 25 މަރު


ޕާކިސްތަނުގެ ބަލޫޗިސްތާނުގައި ދިން ބޮމުގެ ޙަމަލާއެއްގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 25 ސިފައިން މަރުވެ ގިނަ ޢަދަދެއްގެ ސިފައިންނަށް ޒަޚަމް ވެއްޖެއެވެ. ބަލޫޗިސްތާނުގައި މި ފަދަ ޙަމަލާއެއް ދީފައި މި ވަނީ އެ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ ރޭލެއް ހިޞާރު ކުރުމުގެ ހާދިޘާއެއް ހިންގިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ސިފައިން އުފުލަމުން ދިޔަ ބަސްތަކަކަށް އަމާޒުކޮށް ބަލޫޗިސްތާނުގެ ނޮޝްކީގައި ދީފައިވާ މި ޙަމަލާގެ ޒިންމާ އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ބަލޫޗިސްތާނު ލިބަރޭޝަން އާމީ ނުވަތަ ބީއެލްއޭއިން ވަނީ އުފުލައިފައެވެ. ބީއެލްއޭއަކީ ބަލޫޗިސްތާންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. ބީއެލްއޭއަކީ އެތައް ބަޔަކު މަރުވި ރޭލު ހިޞާރު ކުރުމުގެ ހާދިޘާގެ ފަހަތުގައި ވެސް އޮތް ހަނގުރާމަވެރި ޖަމާޢަތެވެ.

ބީއެލްއޭގެ އެންމެ ފަހުގެ ޙަމަލާ އަމާޒު ކުރީ ނޮޝްކީއިން ތަފްތާނަށް ސިފައިން އުފުލަމުންދިޔަ އަށް ވަރަކަށް ބަހަށެވެ. އެ ބަސްތަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި އެ ބަސްތަކަށް އަމާޒު ކޮށް ބަޑިޖަހާފައިވާ ވެއެވެ. އެ ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އަދި އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ނޮޝްކީ ޑިސްޓްރިކްޓުގެ ފުލުހުންގެ އިދާރާގެ ސީނިއަރ ސުޕަރިންޓެންޑެންޓް ހާޝިމް މުޙައްމަދު ވިދާޅުވީ އެ ޙަމަލާގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 30 ސިފައިންނަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާގެ އޮފިސަރެއް ކަމަށްވާ ޒަފަރު ޒަމާނާނީ ވިދާޅުވީ ޙަމަލާ އަމާޒު ކުރި ބަސްތަކުގެ އިތުރުން އެ ސަރަޙައްދުގައި އޮތް އެހެން ބަހަކަށް ވެސް ޙަމަލާގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ބަލޫޗިސްތާނުގެ އިސް ވަޒީރު ސަރްފަރާޒް ބުގުތީ ވަނީ ބީއެލްއޭގެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ޙަމަލާގައި ބައެއްގެ ފުރާނަ ގެއްލުނީތީ އެ ކަމާ ހިތާމަ ފާޅު ކުރައްވައިފައެވެ. ބަލޫޗިސްތާނުގެ އަމާންކަމާ ކުޅޭނަމަ އެ ބައެއްްގެ ނިމުން ހިތިވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާން ޝަރީފް ވެސް ވަނީ ޙަމަލާ ކުށްވެރި ކުރައްވައިފައެވެ.

ބީއެލްއޭއިން ބޭނުން ވަނީ ބަލޫޗިސްތާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމު ކުރާށެވެ. ބީއެލްއޭއަކީ 2006ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި މަނާ ކޮށްފައިވާ ޖަމާޢަތެކެވެ. އަދި އެމެރިކާއިން ވެސް ވަނީ ބީއެލްއޭއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ބީއެލްއޭއިން އަނެއްކާ ވެސް ބަލޫޗިސްތާނުގައި ޙަމަލާއެއް ދީފައި މި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ވެސް ސަލާމަތީ މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.