ކުޅިވަރު

އޮޑި ސްޕޯޓްސްއާ ގުޅުނީ ފުޓްބޯޅައަށް ކުރަމުންދާ ޚިދުމަތް ފެނިގެން: ފައްރާހު


އޮޑި ސްޕޯޓްސް ކުލަބާއި ގުޅުނީ އެ ކުލަބުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަޖެހޭތީ ކަމަށް އެސިސްޓެންޓް ކޯޗު އަޙްމަދު ފައްރާހު (ފައްރަ) ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ފައްރަ ބުނީ އަޑިއަޅާލާފައިވާ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އޮޑި ސްޕޯޓްސްއިން ގިނަގުނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށާއި، މިހާރުވެސް އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. ވަކިން ޚާއްސަކޮށް ދެވަނަ ޑިވިޝަނުގައި އޮވެ، ހިތްވަރާއެކު މަސައްކަތްކޮށް ފުރަތަމަ ޑިވިޝަނަށް އެރުމަކީ އެކަމުގެ އެއް ހެކި ކަމަށްވެސް ބުންޏެވެ.

"އޮޑި ސްޕޯޓްސް ކުލަބުގެ އޮފަރ ގަބޫލުކުރީ މެނޭޖުމަންޓް ސައިޑުންވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ސެކަންޑް ޑިވިޝަނުންވެސް ފެނިގެން ދިޔައީމަ. ފުޓްބޯޅައަށްޓަކައި ވަރަށް ޚިދުމަތްތެރި މަސައްކަތެއް ފެނިގެންގޮސްފި" އޮޑި ސްޕޯޓްސް ކުލަބުން ލިބުނު ފުރުސަތު ގަބޫލުކުރި ސަބަބާ ގުޅޭގޮތުން ފައްރަ ބުންޏެވެ.

އޮޑި ސްޕޯޓްސްގެ ސްކޮޑަކީ އަބަދުވެސް ވަރުގަދަ ކުޅުންތެރިންތަކެއް ފެނިގެންދާ ސްކޮޑެއްކަން ފާހަގަކުރަމުން ފައްރަ ބުނީ ދެވަނަ ޑިވިޝަނުގައި ޓީމު އޮތްއިރުވެސް އެކަން ޓީމުން ފެނިގެންދިޔަ ކަމަށެވެ. އަދި ތަޖުރިބާކާރު ބިދޭސީ ކޯޗު އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަންގެ އިރުޝާދުގެ ދަށުން ޓީމުގައި މަސައްކަތްކުރަން ލިބުމަކީވެސް އޮޑި ސްޕޯޓްސް ޚިޔާރުކުރި އަނެއް ސަބަބުކަމަށް ފައްރަ ބުންޏެވެ.

"ވަރަށް ބޮޑު ފެކްޓަރއެއް މީ ބޭރު ކޯޗެއް، އޮޑިއަށް ހެޑް ކޯޗެއްގެ ގޮތުގައި އައުން. އެއީ މިހާރު އަޅުގަނޑުމެންވެސް ކޯޗިން ތެރެއަށް ނުކުމެ އުޅޭއިރު، ވަރަށް ބޮޑަށް ޑިވެލޮޕްވާން އިވޯލްވްވާން އެބަ ޖެހޭ" މެލޭޝިއާ، އަދި އިންޑިއާ ފަދަ ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ކޯޗާ ގުޅޭގޮތުން ފައްރަ ބުންޏެވެ.

މީގެ އިތުރުން ފައްރަ ބުނީ އެ ޓީމުގައި މަސައްކަތްކުރަމުންދާ އެސިސްޓެންޓް ދެވަނަ ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅު ކަމަށާއި، 19 އަހަރުން ދަށުގެ ޓީމާއެކު ފަރޭކުރި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ވަރުގެ މަސައްކަތެއް ކަމަށެވެ. އަދި ލިބިފައިވާ ވަސީލަތްތަކާއެކު އޮޑި ސްޕޯޓްސްއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހި ފުޓްބޯޅަ ކުރިއަރުވައި، އައު ކުޅުންތެރިންތަކެއް ތަރައްގީކުރުމަށް ކަމަށް ފައްރަ ވަނީ ބުނެފައެވެ.