ހަޔާތުގައި ހުރި އުނިކަންތައްތައް ފުރިހަމަކުރުމަށް ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅު ދިރާސާކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ޑރ. މޫސާ އަންވަރު ހަސަން ވިދާޅުވެއްޖެއެވެ. ޑރ. މޫސާ އަންވަރު މިހެން ވިދާޅުވީ، މިރޭގެ އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އިޙްޔާ ފޯރަމްގެ މައުސޫއަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ރިވެތި އަޚުލާޤު މިއެވެ. މި ފޯރަމްގައި ވާހަކަދައްކަވަމުން ޑރ. މޫސާ އަންވަރު ހަސަން ވަނީ ރަސޫލާގެ ހަޔާތްޕުޅުން ފެނިފައިވާ ރިވެތި ސިފަތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.
އަބޫތާލިބްގެފާނު ވިދާޅުވާ ގޮތުގައި ރަސޫލާ ސ.އ.ވ އަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ އަދި އެޒަމާނުގެ އެހެން ކުދިންގެ ހުރި އެއްވެސް އުނި ސިފައެއް ފެނިވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އެއްޗެއް ލިބިވަޑައިގަތަސް ލިބިވަޑައިނުގަތަސް އެކަލޭގެފާނު އެކަކަމަށް ކެތްތެރިވެވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.
ވާހަކަދައްކަވާއިރު ތެދު ބަހުން ވާހަކަދައްކަވާތީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ކުރިމަތީގައި އެކަލޭގެފާނަކީ މުޙައްމަދުލް އަމީންގެ ނަމުން މަޝްހޫރުވެވަޑައިގެންފައިކަން ފާހަގަކުރެއްވިއެވެ. ޑރ. މޫސާ އަންވަރު ވިދާޅުވީ، އެ މުޖްތަމައުގައި އެންމެހައި އަހްލާޤީ ނުބައި ސިފަތައް ފެތުރިފައިވީ ނަމަވެސް ރަސޫލުﷲގެ ފަނުގެ ކިބަފުޅުން ފެންނަންއޮތީ ރިވެހި އަޙްލާޤީ ސިފަތައްކަމަށެވެ. ފެންނަން އޮތީ އެކަލޭގެފާނުގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަމާއި މިހުންނަށް އޯގާތެރިކަމާއި، ގާތްތިމާގެ މީހުންނަށް އެހީތެރިކަން ފޯރުވައިދޭކަމާއި ޔަތީމުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި މާތް ސިފަކަން ދަރުހުގައި ވަނީ ވިދާޅުވެފައެވެ.
ރަސޫލާގެ ރިވެތި އަޙްލާގުގެ ވާހަކަ އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނާއި، އެކަލޭގެފާނުގެ ސަހާބީންނާއި، އެކަލޭގެފާނުދެކެ ރުޅިއަންނަ އެކަލޭގެފާނުގެ ދުޝްމަނުންވެސް ވަނީ ބަޔާންކުރައްވާފައިކަމަށް ޑރ. މޫސާ އަންވަރު ހަސަން ވިދާޅުވިއެވެ.
"މިކަހަލަ ރެއެއްގައި އެކަލޭގެފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ހަޔާތުގައި އެހުރި އުނިކަންތައްތައް އެވާހަކަތަކުން ފުރިހަމަކުރުން. ރަސޫލާގެ އަނބިއަބިކަބަލުންނާއިމެދު މުއާމަލާތްކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއިމެދު މުއާމަލާތްކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ސަހާބީންނާއިމެދު މުއާމަލާތްކުރެއްވި ގޮތާއި އަދި އެކަލޭގެފާނުގެ ސަހާބީންނާއިމެދު މުއާމަލާތްކުރެއްވި ގޮތާއި، ބޭނުންތަކާއިމެދު އަންނަ މީހުންނަށް މުއާމަލާތްކުރެއްވި ގޮތާއި މިކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ދެނެގަންނަން". ޑރ. މޫސާ އަންވަރު ހަސަން ވިދާޅުވިއެވެ.
ޑރ. މޫސާ އަންވަރު ހަސަން ވަނީ އަޅުގަނޑުމެން ކަންތައްތައް ކުރަނީ އެހެންތޯ ސުވާލުކުރައްވާފައެވެ. އަޅުގަނޑުމެންގެ އަނބިންނަށްކަމުގައިވީނަމަވެސް ދަރިންނަށް ކަމުގައިވީނަމަވެސް ގޭގައި ގެންގުޅޭ މީހުންނަށް ކަމުގައިވީނަމަވެސް ގެއަށް އަންނަ އެހެން މެހެމާނުންނަށް ކަމުގައިވީނަމަވެސް އަޅުގަނޑުމެން ކަންތައް ކުރަނީ އެގޮތައްތޯ ސުވާލުކުރެއްވިއެވެ. ރަސޫލާގެ އުންމަތައް ތަބާވާ މީހުންނޭ އެކަލޭގެފާނަށް ބާވައިލެއްވި ފޮތައް ތަބާވާ މީހުންނޭ އަޅުގަނޑުމެން ބުނާއިރު އަމަލާއި ބަހުންނާއި ދައްކާ ވާހަކައާއި ދިމާނުވާކަމަށް ޑރ. މޫސާ އަންވަރު ހަސަން ވިދާޅުވިއެވެ.