ޣައްޒާ ނިސްބަތްވަނީ ފަލަސްތީނަށްކަމަށާ، ޗައިނާ އަބަދުވެސް ތާއީދުކުރާނީ ދުނިޔޭގައި ސުލްހަ ޤާއިމްކުރުމަށްކަމަށްއެ އެޤައުމުގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، 14 ވަނަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވަނީ ފަލަސްތީނާއި އެއްކޮށް ޗައިނާ އޮތްކަން ހާމަކުރައްވާފައެވެ. ވޮންގ ޔީ ވިދާޅުވީ، ޣައްޒާ ނިސްބަތްވަނީ ފަލަސްތީނަށްކަމަށެވެ. އެއީ ފަލަސްތީނުން ވަކި ނުކުރެވޭނެ އެ ޤައުމުގެ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ޣައްޒާގެ ރަށްވެރިކަން ގަދަބާރުން ބަދަލުކުރުމަކީ ދުނިޔެއަށް ސުލްހަ މަސަލަސްކަން ލިބޭނެކަމެއްނޫންކަން ފާހަގަކުރައްވައި ވޮންގ ޔީ ވިދާޅުވީ މީގެ ސަބަބުން އިތުރަށް ހަމަނުޖެހުންތައް އުފެދިގެންދާނެކަމަށެވެ. ޣައްޒާގައި ސުލްހަ ޤާއިމްކުރުމަށް މިސްރާއި އަރަބި އެހެން ޤައުމުތަކުން ގެންގުޅޭ ސިޔާސަތުތަކަށް ޗައިނާއިން ތާއީދުކުރާކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވޮންގ ޔީ ވަނީ ދުނިޔޭގެ ބޮޑެތި އެހެން ޤައުމުތަކަށްވެސް މިކަމުގައި ފަލަސްތީނާއި އެއްކޮޅަށް ވަކާލާތުކުރުމަށް ގޮވާލާފައެވެ.
ދާދިފަހުން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުވެސް ވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވައި ވާހަކަދައްކަވާފައެވެ. އަދި މި މައްސަލައިގައި ރާއްޖެއިން ދަނީ ޣައްޒާއާއި ފަލަސްޠީނުގެ ދިފާއުގައި އަޑުހަރުކޮށް ވަކާލާތުކުރަމުންނެވެ.