އީރާނުގެ މިސައިލް ޕްރޮގްރާމް އޭގެ އެންމެ ބާރު ސްޕީޑްގައި ކުރިޔަށް ގެންދާނެކަން އެޤައުމުން ހާމަކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ބަހްރާމް ގާސިމީ ވިދާޅުވީ މިސައިލް ޕްރޮގްރާމަކީ އީރާނުގެ ޤައުމީ ދިފާޢާއި ޤައުމީ މަސްލަހަތާއި ގުޅިފައިވާ ޕްރޮގްރާމެއް ކަމަށެވެ. ގާސިމީ މިހެން ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އީރާނުން ކުރި މިސައިލް ޓެސްޓުތަކަށް ފާޑުވިދާޅުވެ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މަރކެލް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ބަޔާނަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެބަޔާނުގައި މަރކެލް ވިދާޅުވެފައިވަނީ އީރާނުން ކުރި މިސައިލް ޓެސްޓުތަކަކީ އދ. ގެ ގަރާރުތަކާ ޚިލާފު އަމަލެއްކަމަށާއި ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ ބެލިސްޓިކް މިސައިލް ތަރައްގީ ކުރުން ހުއްޓާލުމަށް އދ. ގެ ގަރާރުތަކުން އީރާނަށް ގޮވާލާ ކަމަށެވެ. މަރކެލްއަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ މަރކެލްގެ ވާހަކަތަކަށް އީރާނުން ކުޑަވެސް ސަމާލުކަން ނުދޭނެކަމަށާއި އަދި މިސައިލް ޕްރޮގްރާމް އޭގެ އެންމެ ބާރު ސްޕީޑްގައި އެ ޤައުމުން ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު އީރާނުން ކުރި މިސައިލް ޓެސްޓުތަކަށް އެމެރިކާވެސް ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ.