ދުނިޔެ

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓެއް ކޮށްފި


އުތުރު ކޮރެއާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލް ޓެސްޓެއް ކޮށްފިކަމަށް ދެކުނު ކޮރެއާއިން  ބުނެފިއެވެ.

ދެކުނު ކޮރެޔާއިން ބުނީ، ޕްޔޮންގޔެންގުން އެންމެ ފަހުގެ މިސައިލް ޓެސްޓުކޮށްފައިވަނީ ސަބްމެރިންއެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މި ފަހަރުގެ ޓެސްޓު ނާކާމިޔާބު ވެފައިވާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ. ދެކުނު ކޮރެއާއިން ބުނީ، އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފައިވަނީ ކޮރެއަން ޕެނިންސިއުލާގެ ހުޅަނގު ކަނޑުގެ ސަރަޙައްދުގައި ކަމަށެވެ. img:http://s2.psmnews.mv/images/660x400/14614810677556.jpg|އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން، މިސައިލް ޓެސްޓްކުރުން ބައްލަވާލައްވަނީ - ފައިލް ފޮޓޯ: ޒިންގހުއާ ނިއުސް

މިއީ، ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި އެ ޤައުމުން ކޮށްފައިވާ މިފަދަ 2 ވަނަ މިސައިލް ޓެސްޓެވެ. ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ އުތުރު ކޮރެއާއަށް، އެއްވެސް ބާވަތެއްގެ މިސައިލެއް ޓެސްޓުކުރުމަކީ އދ.ގެ ޤަރާރުތަކާއި އެންގުންތަކާއި ޚިލާފު ޢަމަލެކެވެ. އެ ޤައުމުން އިތުރު މިސައިލް ޓެސްޓެއް ކޮށްފައި މިވަނީ، ކޮރެއަން ޕެނިންސިއުލާގައި މިސައިލް ޙަމަލާތަކުން ދިފާޢުވާ ޚާއްޞަ ނިޒާމެއް ޤާއިމްކުރާނެ ކަމަށް އެމެރިކާއާއި ދެކުނު ކޮރެއާއިން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ހަފްތާގެ ކުރީކޮޅު، އެމެރިކާއިންވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ-އުންއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން އިޢުލާންކޮށްފައެވެ. މިކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން އުތުރު ކޮރެއާއިންވަނީ މިއީ އެ ޤައުމާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ފަދަ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއީ، އުތުރު ކޮރެއާގެ ލީޑަރަށް ޢަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅު އިޢުލާނުކޮށްފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި އަހަރުގެ ޖެނުއަރީ މަހު އުތުރު ކޮރެއާއިންވަނީ އެ ޤައުމުގެ 4 ވަނަ ނިއުކްލިއަރ ޓެސްޓް ހަދާފައެވެ.