ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއްކަމަށާ، އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށެވެ.
އެއާއެކު އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށާ، މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.
ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި…
— Hussain Mohamed Latheef (@HucenSembe) March 15, 2025
ނައިބު ރައީސް މިމޭރުމުން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ޙައްގުތައް ގެއްލޭގޮތަށް ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކުރައްވައި އާންމު ފަރާތްތަކާއި ސަރުކާރުގެ އިސްވެރިން ޝުއޫރުފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިދިކޮޅު އެމްޑީޕީއިން މިމަހުގެ 7ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިގޮތުން މިދިޔަ ބުދަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުންގެ ހައްޤަށް އަރައިގަނެ، އެ ދަރިކަލުންނާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައްދައްކާފައެވެ.
ރައީސްގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒުއަށް ނިސްބަތްކޮށް، ދައްކަމުންދަނީ ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ކަން އާއިލާއިން ވަނީ ހާމަކުރައްވާފައެވެ.