ސިއްހަތު

އޮޕަރޭޝަން ތިއޭޓަރާއެކު އައިޖީއެމްއެޗް ޒަމާނީ ފެންވަރަށް!


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ މަރާމާތުކުރެއްވުމުގެ މަސައްކަތް ނިމޭއިރު، އެތަން ހުންނާނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، އަދި ޒަމާނީ ވަޞީލަތް ޤާއިމްކުރެވިފައިވާ، ތަނަވަސް ތަނަކަށް ހެދިފައިކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރ މަރާމާތުކުރުމުގެ މަސައްކަތް ނިންމަވާ މިއަހަރުގެ ސެޕްޓެމްބަރ މަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. img:http://s3.psmnews.mv/images/660x400/14680701019174.jpg|އައިޖީއެމްއެޗްގެ އައު އިމާރާތް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރައްވާ، އެތަނުން ދެއްވާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ފުޅާކުރައްވާ، ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މި ހޮސްޕިޓަލްގައި މިހާރު ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ހޮސްޕިޓަލުގައި، ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރތަކެއް ތައްޔާރުކުރުމުގެ މަސައްކަތެވެ. އޮޕަރޭޝަން ތިއޭޓަރގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވީ ޢޮޕަރޭޝަން ތިއޭޓަރ މަރާމާތުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށެވެ. އަދި ތިއޭޓަރަށް ބޭނުންވާ އިކްވިޕްމަންޓާއި މެޝިނަރީ ގެންނެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް މަޢުސޫމް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14601081777949.jpg|އައިޖީއެމްއެޗްގައި ޑޮކްޓަރެއް ބަލި މީހަކު ބައްލަވަނީ - ފައިލް ފޮޓޯ: އައިޖީއެމްއެޗް

މީގެ އިތުރުން މަޢުސޫމު ވިދާޅުވީ އިކުއިޕްމަންޓްތައް ގެނެސް ފިނިޝިންގ ގެ މަސައްކަތް  ނިމުނުހާ އަވަހަކަށް  ތިއޭޓަރ ހުޅުވިގެންދާނެ ކަމަށެވެ. މި ތިއޭޓަރތައް ހުޅުވޭއިރު މި ތިއޭޓަރތައް ވެގެންދާނީ ފެންވަރު ރަނގަޅު  ތިއޭޓަރ ތަކަކަށެވެ. އިންޑިޔާ ސަރުކާރުގެ އެހީގައި ތިއޭޓރތައް މަރާމާތު ކުރެވިގެންދާއިރު މަރާމަތުގެ ތެރެއަށް ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ އިތުރު މަސައްކަތްތަކެއްވެސް ކުރެވެމުންދެއެވެ.

މި ތިއޭޓަރ ވެގެންދާނީ މި ސަރަޙައްދުގެ ފާހަގަކޮށްލެވޭ ތިއޭޓަރަކަށް ކަމަށް މަޢުސޫމް ވިދާޅުވިއެވެ. އައިޖީއެމްއެޗްގައި 4 ތިއޭޓަރެއް މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް އެބަގެންދަވައެވެ. އެހެންކަމުން މިހާރު ބޭނުންކުރައްވާ ހަތަރު ތިއޭޓަރާއި މަރާމާތުކުރައްވަމުން ގެންދަވާ 4 ތިއޭޓަރާއެކު ޖުމުލަ 8 އޮޕަރޭޝަން ތިއޭޓަރ ކުރިޔަށް އޮތްތާނގައި ބޭނުންކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ. img:http://s3.psmnews.mv/images/660x400/14618487356567.jpg|އައިޖީއެމްއެޗް އެމްއާރއައި މެޝިން - ފައިލް ފޮޓޯ: އައިޖީއެމްއެޗް

"11 ބުރިގެ އިމާރާތުގައި އަންހެނުންނާއި ކުޑަކުދިންނަށް ޙާއްސަ 3 ތިއޭޓަރ ހުންނާނެ. އަދި އެމަޖެންސީ ތިއޭޓަރ އެއްކޮަށް އަޕްގްރޭޑް ކުރަނީ ކުރިން ހުރި 4 ތިއޭޓަރ ބަންދުކޮށްގެން." އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ޚިދުމަތް ހޯދާފަރާތްތަކަށާއި ޑޮކްޓަރުންނަށް، އެތާނގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާ އޮޕަރޭޝަން ތިއޭޓަރތަކުގެ ސަބަބުން ބޮޑު ފަސޭހަތަކެއް ލިބި އަދި ކިއޫގައި ތިބެންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. މި ކަމުގެ ސަބަބުން އައި.ޖީއެމްއެޗްގައި ހެދޭ ސާރޖަރީތަކުގެ ޢަދަދު އިތުރުވެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް ސާރޖަރީތައް ހެދުމުގެ ފުރުޞަތު އިތުރަށް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.