ދުނިޔެ

ޙަލަބަށް ދާން އޮންނަ ހުރިހާ މަގެއް ސޫރިޔާ ސަރުކާރުގެ ބާރުގެދަށަށް


ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައި އޮތް ޙަލަބަށް ވަންނަން އޮންނަ ހުރިހާ މަގެއް ސޫރިޔާގެ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ޙަލަބް ހިފުމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޙަލަބަކީ ސޫރިޔާގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު ރަށެވެ. ޙަލަބްގެ އާބާދީ ދެ މިލިއަނަށްވުރެ މައްޗަށް އަރައެވެ. އަދި މި ރަށަކީ ސޫރިޔާގެ ސިނާޢީ އަދި މާލީ ވެރިރަށުގެ ގޮތުގައިވެސް ބެލެވޭ ރަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާއި ދެކޮޅަށް އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ތެދުވެ، ހަނގުރާމަ އިޢުލާނުކުރި ފަހުން އަހަރެއް ވީ އިރުވެސް، ޙަލަބުން މުޒާހަރާތަކާއި ހަނގުރާމައިގެ މަންޒަރުތައް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް، 2012 ވަނަ އަހަރުގެ ޖުލައި މަހު އިދިކޮޅު ފަރާތްތަކުންވަނީ ޙަލަބަށް އަތްގަދަކުރުމުގެ މަސައްކަތް ފަށާފައެވެ. އެ މީހުންގެ ޢަމާޒަކަށްވީ ސޫރިޔާގެ އުތުރުގެ ސަރަހައްދުތައް އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ.

ނަމަވެސް، މި ޢަމާޒު އިދިކޮޅު ފަރާތްތަކަށް ޙާޞިލްވެފައެއް ނުވެއެވެ. އަދި، ޙަލަބް، އަސަދަށް ވަފާތެރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބެހިގެންދިޔައެވެ. ޙަލަބްގެ އުތުރުގެ ސަރަޙަައްދުތަކަށް އިދިކޮޅު ފަރާތްތަކުން ބާރުގަދަކޮށްފައި ވާއިރު، އެ ރަށުގެ ހުޅަނގުގެ ސަރަޙައްދުތައް އަދިވެސް އޮތީ އަސަދަށް ވަފާތެރި ސިފައިންގެ އަތްދަށުގައެވެ.

އިދިކޮޅު ހަނގުރާމަވެރިން އަތްގަދަކޮށްފައިވާ ސަރައްޙައްދުތައް ހިފުމަށް ސޫރިޔާގެ ސަރުކާރު ސިފައިން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވަނީ 2013 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި، އިދިކޮޅު ފަރާތްތަކުގެ ޢަމާޒުތަކަށް ސޫރިޔާގެ އަސްކަރިއްޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށިއެވެ. މި ޙަމަލާތަކުގައި ޢާއްމުންގެ ތެރެއިން އެތައް ހާސް ބަޔެއްގެ ފުރާނަވަނީ ގެއްލިފައެވެ.

އަސަދުގެ ފައުޖުތަކުން 2005 ވަނަ އަހަރުވަނީ މިޙަމަލާތައް ވަރުގަދަކޮށްފައެވެ. އަދި، އަސަދަށް ވާޤިވެރިވެދޭ ޤައުމެއްކަމަށްވާ ރަޝިޔާއިންވަނީ މި ހަނގުރާމައިގައި ބައިވެރިވެ، އަސްކަރީ ގޮތުން އަސަދުގެ ފައުޖުތަކަށް އެހީތެރިވެދޭން ފަށާފައެވެ. މިހާރު، ސޫރިޔާގެ ސަރުކާރު ސިފައިން މިވަނީ ޙަލަބަށް ވަންނަން އޮންނަ ހުރިހާ މަގުތަކެއް އަސްކަރިއްޔާގެ އަތްދަށަށް ގެންގޮސްފައެވެ. އަދި، ތިން 300،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ޙަލަބުގެ އިރުމަތީގެ ސަރަޙައްދުތަކަށް ވަދެ ނިކުމެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި، އަސަދުގެ ސިފައިން މިހާރުދަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް ވަށާލަން ފަށާފައެވެ. ފަސް އަހަރުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 400،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ.އާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމާޢަތްތަކުން އަންދާޒާ ކުރެއެވެ.

ޙަލަބަކީ މިހާރު މީހުން ދިރިއުޅެމުންދާ އެންމެ މުސްކުޅި، ނުވަތަ ދުވަސްވީ ރަށްކަމަށް ތާރީޚީ ފަތްފުށްތަކުން ދައްކައެވެ. ޙަލަބުގައި ދިރިއުޅުނު މީހުންގެ ވާހަކަތައް 20 ވަނަ ޤަރުނުގެ ކުރީކޮޅު މިޞްރުން ފެނިފައިވާ ފަތްފުށްތަކުގައި ލިޔެފައިވެއެވެ. އަދި، ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 3،000 އަހަރު ކުރިން އަޅާފައިވާ ބިނާތަކެއްގެ ބައިތައް އަދިވެސް ޙަލަބުގައި ފެންނަން އެބަހުއްޓެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ޙަލަބުން މިހާރު ފެންނަމުންދަނީ ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ މަންޒަރެވެ.