ކުޅިވަރު

މޯލްޑިވްސް ކްރިކެޓް ޓުއަރ 2025: ދެވަނަ މެޗުންވެސް ރާއްޖެ މޮޅުވެއްޖެ


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ކްރިކެޓް ޓުއަރ 2025 ގެ ދެވަނަ މެޗުވެސް ރާއްޖޭގެ ސީނިއަރ ކްރިކެޓް ޓީމުން ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ހަރޓްފޯރޑްޝަޔަރ ސީނިއަރ ކްރިކެޓް ޓީމު އަތުން ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ހަރޓްފޯރޑްޝަޔަރ ސީނިއަރ ކްރިކެޓް ޓީމު އެންމެ ފުރަތަމަ ކުޅެން އަރައި 32 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 97 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 44 ބޯޅައިން 26 ލަނޑު ހެދި ޖޫލިއަން ރޭމަންޑް ކޮޕޮކް އާއި 47 ބޯޅައިން 25 ލަނޑު އެއްކުރި ޑޭވިޑް މައިކަލް ރޮބިންސަންގެ އިތުރުން 48 ބޯޅައިން 24 ލަނޑު ހަމަކުރި މިނޭޝް ޕަޓޭލްއެވެ.

ޖަވާބުގައި ރާއްޖޭގެ ޓީމު ކުޅެން އަރައި 12 އޯވަރުގެ ތެރޭގައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 98 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 35 ލަނޑު އެއްކުރި އަލީ އިބްރާހީމް އާއި 18 ބޯޅައިން 23 ލަނޑު ހަމަކުރި ޝާހިދު މުޙައްމަދެވެ.

މި މެޗުން ރާއްޖެ މޮޅުވިއިރު، މި ޓުއަރގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައިވަނީ ޑަކްވޯތު ލުއިސް ތިއަރީއަށް ބެލުމަށްފަހު 15 ލަނޑުންނެވެ. ދެ ޓީމުންވެސް ހުދު ކުލައިގެ ކިޓް ބޭނުންކުރި މި ދެ މެޗު ކުޅެފައިވަނީ ޕިންކް ބޯޅައިންނެވެ. މިއީ ރާއްޖޭގެ ކްރިކެޓް ތާރީޚުގައި ޕިންކް ބޯޅައިން މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.