ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ މެދު ވިސްނަމުންދާ ކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން މި ކަން ހާމަކޮށްފައި ވަނީ، އެ ޤައުމުގެ ކޫރްސްކް ސަރަޙައްދަށް ރައީސް ވްލަޑިމިޔަރ ޕުޓިން ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ކޫރްސްކަކީ ޔޫކްރެއިންގެ ސިފައިން އަރައި އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ އެމެރިކާއިން އިސްނަގައިގެންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ރަޝިޔާއިން ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި، ރަޝިޔާއިން އެމެރިކާގެ ހުށަހެޅުމަށް އިންކާރު ކޮށްފި ނަމަ، ރަޝިޔާގެ ޙަޤީޤީ ނިޔަތް ވޮޝިންގޓަނަށް ސާފުވެގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރަކީ: ދެ ފަރާތުން ވެސް ބަޑިޖެހުން ހުއްޓައިލުން، މިސައިލެއް ނޫން، ރޮކެޓެއް ނޫން، ވަޒަނެއް ނޫން، އެ ފަދަ ހުރިހާ [ހަތިޔާރެއް] ބޭނުން ކުރުން ހުއްޓައިލުން… އަދި މަޝްވަރާތައް ފެށުން،" ރޫބިޔޯ ވިދާޅުވިއެވެ.
ކްރެމްލިނުން ބުނީ، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި އެމެރިކާއާއި ޔޫކްރެއިނާ ދެމެދު ބާއްވާފައިވާ މަޝްވަރާތަކުގެ ތަފުސީލުތައް އެމެރިކާއިން ރަޝިޔާއާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޔޫކްރެއިނުން އެއްބަސްވެފައި ވަނީ އެ މަޝްވަރާތަކުގައެވެ. އެއީ، އެމެރިކާއިން ބިރު ދައްކައި، ޔޫކްރެއިނަށް އަސްކަރީ އެހީތެރި ކަން ފޯރުކޮށްދިނުން މެދުކަނޑައިލައި ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން މެދުކަނޑައިލުމާ ގުޅިގެން ޔޫކްރެއިނުން ނިންމި ނިންމުމެކެވެ.
ކްރެމްލިނުން ބުނީ، ޔޫކްރެއިނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމުގައެވެ. ރަޝިޔާގެ މަޞްދަރުތަކުން ބުނީ، ހަނގުރާމަ ހުއްޓައިލުމަށް އެ ޤައުމުން ކުރާ ޝަރުޠުތަކުގެ ލިސްޓެއް ވޮޝިންގޓަނާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، އެމެރިކާއާ އެކު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަ ކުރުމާ ގުޅޭ ޝަރުޠުތައް ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ނަމަވެސް، ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުޠުތައް ސާފެއް ނޫނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ކަން ޔޫކްރެއިނަށް ދިނުމަށް ހުރަސް އެޅުން ޝަރުޠުތަކުގައި ހިމެނޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. އަދި، ރަޝިޔާއިން ވެރިވެގަނެފައިވާ ޔޫކްރެއިންގެ ބިންތަކުގެ މިލްކުވެރި ކަން އަނބުރާ ޔޫކްރެއިނަށް ދިނުމަށް އެ ޤައުމުން އިންކާރު ކުރަމުންދާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ރޫބިޔޯ ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް ފަހު ޔޫކްރެއިންގެ ދިފާޢީ އަދި ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގައި ވިލާތުގެ ޤައުމުތަކުން އިސް ދައުރެއް އަދާ ކުރަން ޖެހޭނެ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ވިލާތުގެ ބައެއް ޤައުމުތަކުގެ މެދުގައި ވަނީ މަޝްވަރާތައް ފަށާފައެވެ. ވިލާތުގެ ފަސް ޤައުމެއްގެ ދިފާޢީ ވަޒީރުންނާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ޖޯން ހީލީ ވިދާޅުވީ، ޔޫކްރެއިނަށް އެހީތެރި ކަން ފޯރުކޮށްދޭން ބޭނުން ޤައުމުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. ވިލާތުގެ 15 ޤައުމަކުން އެ ކަމަށް ޝައުޤުވެރި ކަން ފާޅުކޮށްފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
މި ކަމާ މެދު މަޝްވަރާތައް ކުރިއަށް ދިޔަ ދަނޑިވަޅުގައި ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް ޕުޓިން ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރުންނާއި ސިފައިންނާ ބައްދަލު ކުރައްވާފައިވެއެވެ. މިއީ، 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ރަޝިޔާއަށް އަރައި، ކޫރްސްކްގެ ބައެއް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރި ފަހުން ޕުޓިން އެ ސަރަޙައްދަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރަޝިޔާގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްގެ ވެރިޔާ ވަލޭރީ ގެރާސިމޮފް ވިދާޅުވީ، ޔޫކްރެއިންގެ ސިފައިން އަތްގަދަ ކޮށްފައިވާ ބިންތަކުގެ ތެރެއިން %85 ސަރަޙައްދެއް މިހާރު މިނިވަން ކޮށްފައިވާ ކަމުގައެވެ.