ޚަބަރު

މަޝްވަރާއަށް ގޮވައިލައި އެމެރިކާއިން ފޮނުވި ސިޓީއަކީ ހީލަތްތެރި އޮޅުވައިލުމެއް: ޚާމަނާއީ


އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ކުރިމަގާ މެދު މަޝްވަރާ ކުރުމަށް އެމެރިކާއިން އަރުވާފައިވާ ދަޢުވަތަށް އިންކާރު ކުރައްވައި، އީރާނުގެ ރޫހީ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ އެމެރިކާއަށް ރައްދު ދެއްވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަޢުވަތަށް ޚާމަނާޢީ ރައްދު ދެއްވާފައި މި ވަނީ، މަޝްވަރާއަށް ދަޢުވަތު އަރުވައި ޓްރަމްޕް ފޮނުއްވި ސިޓީއެއް އީރާނުގެ ޚާރިޖީ ވުޒާރާއަށް ރައްދު ކުރުމާ ގުޅިގެންނެވެ. ޓްރަމްޕްގެ ސިޓީ އީރާނަށް ރައްދު ކޮށްފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) މެދުވެރިކޮށެވެ.

އެމެރިކާއާ އެކު މަޝްވަރާތަކުގައި ބައިވެރިވުމަށް ޚާމަނާޢީއަށް ދަޢުވަތު އަރުވާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ ހުސްވި ހަފުތާގައެވެ. އެ ކަން އިޢުލާނު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަށް އޮތީ ދެ ގޮތެއް ކަމުގައެެވެ. "އީރާން މައިތިރި ކުރެވިދާނެ ދެ ގޮތެއް އެބައޮތް: އެއީ، އަސްކަރީ ގޮތުން، ނުވަތަ އެއްބަސްވުމެއް އެކުލަވައިލުން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ސިޓީ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއަށް ރައްދު ކުރައްވާފައި ވަނީ ޔޫއޭއީގެ ރައީސްގެ ޚާރިޖީ މުޝީރު އަންވަރް ޤަރްޤާޝެވެ. ޢަރާޤިޖީއަށް ސިޓީ އެރުވި ވަގުތު ޚާމަނާޢީ ހުންނެވީ އީރާނުގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާށެވެ. އެ ބައްދަލުވުމުގައި ޚާމަނާޢީ ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ހީލަތްތެރި އޮޅުވައިލުމެއް ކަމުގައެވެ.

ޓްރަމްޕްގެ ހުށަހެޅުންތައް ފަސޭހައެއް ނުވާނެ

"އެ މީހުން ވަޢުދަށް އިޙްތިރާމު ނުކުރާނެ ކަން އިނގި ތިބެ، އެ މީހުންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގެ ބޭނުމަކީ ކޮބާ؟ އެހެންވީމަ، މަޝްވަރާ ކުރުމަށް ހުށަހަޅާފައިވާ ދަޢުވަތަކީ… އެއީ، ޢާންމުންގެ ފިކުރަށް އޮތް ހީލަތްތެރި އޮޅުވައިލުމެއް،" ޚާމަނާޢީ ވިދާޅުވިއެވެ. އޭނާ މިމޭރުމުން ވިދާޅުވިއިރު، އޭނާގެ އަތްޕުޅަށް ޓްރަމްޕްގެ ސިޓީ އަރުވާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޚާމަނާޢީ ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކުގައި އެމެރިކާއިން ބޭނުންވާ ކަންކަމުގެ ހުށަހެޅުންތައް ހުށަހަޅާނެ ކަމުގައެވެ. އަދި، މަޝްވަރާތައް ނިމިގެންދާނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާ އެކުގައި ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ރަައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން ވެސް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.

ޓްރަމްޕް ވިދާޅުވައި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ބޭނުންވާ ކަމުގައެވެ. ހުޅަނގުން ޤަބޫލު ކުރާ ގޮތުގައި އީރާނުން ކުރިއަށް ގެންދާ ނިއުކްލިޔަރ ޕުރޮގުރާމުގެ އަމާޒަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމެވެ. އެއީ، ހުޅަނގުގެ ބާރުތަކަށް ހަޖަމު ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އަދި، އެ ކަން ހުއްޓުވުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް ހުޅަނގުގެ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރީގެ އެއްބަސްވުމާ ޚިލާފުވީ ޓްރަމްޕް

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލައި އަމަލު ކުރަމުން ދިޔައެވެ. ނަމަވެސް، އެ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ކުރީގެ ރިޔާސީ ދައުރުގައި 2018ވަނަ އަހަރުއެވެ. އެއަށްފަހު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޓްރަމްޕަކީ މެދުއިރުމަތީގެ މުސްލިމް ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތް ކަމުގައިވާ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ.

ޓްރަމްޕްގެ ދަޢުވަތަށް ޚާމަނާޢީ ހުސްވި ހަފުތާގައި ވެސް ރައްދު ދެއްވާފައިވެއެވެ. އޭނާ ވިދާޅުވީ، އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް މަޖުބޫރުކޮށް، ގަނާކުރާ ނަމަ، އެ ކަމަށް އެއްބަސްނުވާނެ ކަމުގައެވެ. "ގަނާކުރާ ބައެއް ސަރުކާރުތަކުން [އެމެރިކާއިން] މަޝްވަރާތަކުގައި ބައިވެރިވުމަށް [އީރާނަށް] މަޖުބޫރު ކުރުވުމަކީ ސުލްޙަވެރި ޙައްލުތަކެއް ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން،" ޚާމަނާއީ ވިދާޅުވެފައިވެއެވެ.

އެކުވެރި ދައުލަތްތަކުގެ (އދ)ގެ ނިއުކްލިޔަރ ކަންކަމާ ބެހޭ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮސީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ތަރައްޤީކޮށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ޤައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްގެން އެއްބަސްވުމެއް އެކުލަވައިލުމަށް އޮތީ ވަރަށް ހަނި ފުރުޞަތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިއުކްލިޔަރ ހަތިިޔާރު އުފައްދަން ބޭނުންވެއްޖެ ނަމަ، އެމެރިކާއަށް އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ނަމަވެސް، އަޅުގަނޑުމެން އޭތި [ނިއުކްލިޔަރ ހަތިޔާރު] ބޭނުމެއް ނޫން،" ޚާމަނާޢީ ވިދާޅުވިއެވެ. އައިއޭއީއޭން ބުނީ، އީރާނުގެ އަތުގައި ހުރި ޔުރޭނިޔަމް ސްޓޮކް %60ށް މުއްސަނދި ކޮށްފައިވާ ކަމުގައެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް %90ށް މުއްސަނދި ކޮށްފައިވާ ޔުރޭނިޔަމް ބޭނުންވާނެއެވެ.