ސިއްހަތު

އިންޑިއާއަށް ބޭސް ފަރުވާއަށްދާ ދިވެހިންގެ އަދަދު ދަށަށް


ރާއްޖެއިން އިންޑިއާއަށް ބޭސް ފަރުވާއަށްދާ ދިވެހިންގެ އަދަދު ދަށްވަމުންދާ ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އިންޑިއާގެ ރިނުބް ރިސަރޗްގެ މި ރިޕޯޓުން ދައްކާ ގޮތުގައި، އިންޑިއާއަށް ބޭސް ފަރުވާއަށް ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ޤައުމަކީ ރާއްޖެއެވެ.

"އިންޑިއާ މެޑިކަލް ޓޫރިޒަމް އެންޑް ފޯކާސްޓްގެ" ނަމުގައި އިންޑިއާގެ ރިނުބް ރިސަރޗްގެ ފަރާތުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން ރާއްޖެއަކީ ދެވަނައަށް އެންމެ ގިނަ އަދަދަކަށް ބޭސް ފަރުވާއަށް އިންޑިއާއަށް މީހުންދާ ޤައުމުކަމުގައި ވިޔަސް، އަހަރުން އަހަރަށް ރާއްޖެއިން އިންޑިއާއަށް ބޭސް ފަރުވާއަށްދާ މީހުންގެ އަދަދު މިހާރު ދަށްވަމުންދާކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތްތާގައި އިންޑިއާއަށް ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ބޭސްފަރުވާއަށް މީހުންދާ ޤައުމަކަށް އަފްޣާނިސްތާން ވެގެންދާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އިންޑިއާއަށް ބޭސްފަރުވާއަށް އެންމެ ގިނަ އަދަދަކަށް ދަނީ ބަންގްލަދޭޝް މީހުންނެވެ. އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިންގެ އަދަދު ދަށްވަމުންދާއިރު، މީގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މިގޮތުން މިހާރު ރާއްޖެއިން ލިބެން ހުރި ބޭސްފަރުވާގެ ދާއިރާތަކާއި ލިބެން ހުރި ބޭސްފަރުވާގެ ޙިދުމަތުގެ ފެންވަރު ރަގަޅުވުމަކީވެސް މީގެ ސަބަބެކެވެ.

ރާއްޖެއިން ކުރިން ލިބެން ނެތް މުޙިއްމު ބައެއް ފަރުވާތައް ރާއްޖެއިން މިހާރު ލިބެން އެބަހުއްޓެވެ. މީގެތެރޭގައި، ކިޑްނީގެ ބައެއް ފަރުވާއާއި، ކެންސަރުގެ ބައެއް ޓެސްޓުތަކާއި ފަރުވާއާއި، ކަށީގެ ފަރުވާ ރާއްޖޭގައި އިތުރަށް ފުޅާ ކުރެވިފައިވުމާއި، ހިތުގެ ބަލީގެ ޓެސްޓު ހެދުމާއި، ހިތުގެ އޮޕަރޭޝަންތަކާއި، އަދިވެސް އިތުރު ޓެސްޓުތަކާއި، ފަރުވާ ރާއްޖެއިން ލިބެމުން ދިޔުމުން ރާއްޖޭގައި ދެވޭ ޞިއްހީ ފަރުވާއަށް އޮންނަ އިތުރުބާރު މިހާރުވަނީ އިތުރުވެފައެވެ. އަދި ދިވެހިންގެ އިޤްތިޞާދީ ފޯރުންތެރިކަން އިތުރުވެ، ރާއްޖެއިން ލިބެންނެތް ފަރުވާތައް ހޯދުމަށް އިންޑިއާއަށް ދިޔުމުގެ ބަދަލުގައި ދިވެހިން ޞިއްހީ ބޭނުންތަކަށް ތައިލެންޑް، ސިންގަޕޯރ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ދަތުރުކުރާ މިންވަރު އިތުރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.