ކުޅިވަރު

ޔުނައިޓެޑުގެ އައު ސްޓޭޑިއަމް ޓެކްސް ފައިސާއިން ހަދާތީވެ ސަޕޯޓަރުންގެ ނުރުހުން


އިނގިރޭސި ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން މެންޗެސްޓާ ޔުނައިޓެޑުގެ އައު ސްޓޭޑިއަމް ބިނާކުރަން މަސައްކަތް ކުރާތީވެ، އެ ކުލަބުގެ ބައެއް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

ޔުނައިޓެޑުން އަލަށް ބިނާކުރަން މަސައްކަތް ކުރާ އެއް ލައްކަ މީހުންގެ ޖާގައިގެން ސްޓޭޑިއަމުގެ އަގަކީ 2 ބިލިއަން ޑޮލަރެވެ. މީގެ ތެރެއިން ގިނަ ފައިސާ އަކީ ޓެކްސް ފައިސާ ކަމުން މިކަމާމެދު އެކި ފަރާތްތަކުގެ ހިޔާލު ވަނީ ވަރަށް ބޮޑަށް ކަފިކަފި ވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން މެންޗެސްޓާގެ މޭޔަރު ވިދާޅުވީ އައު ސްޓޭޑިއަމަކީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭނެ އަދި މުޅި ސިޓީ އަށް މާލީ ގޮތުން ވެސް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ. މިއީ ފަތުރުވެރިން އިތުރު ކުރުމަށް ބަލާއިރު ވެސް ރަނގަޅު ޕްރޮޖެކްޓަކަށްވާނެ ކަމަށެވެ.
ނަމަވެސް މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން ވަނީ އިނގިރެސި ރައްޔިތުންގެ ޓެކްސް ފައިސާ ހަދަރު ކުރަންޖެހެނީ ކޮން ގޮތަކުން ކަމާމެދު ނުވިސްނޭ ކަމަށެވެ.

މިކަމާ ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާއިރު ޔުނައިޓެޑްގެ އައު ސްޓޭޑިއަމުގެ ޑިޒައިނާމެދު ވެސް ބައެއް ފަރާތްތަކުން ވަނީ ހިޔާލުތަފާތުވެފަ އެވެ. މި ގޮތުން ސްޓޭޑިއަމުގެ މަތިން ހިޔާވާ ގޮތަށް ދަމާލާފައިވާ ޓެންޓުގެ މުހިންމު ކަމާމެދު ވެސް ވަނީ ވަރަށް ބޮޑަށް ބަހުސް ކުރެވެން ފަށައިފަ އެވެ. އެއް ބަޔަކު ބުނަނީ މިއީ ވެސް ސްޓޭޑިއަމުގެ އަގު މަތިވެގެންދާ ސަބަބެއް ކަމަށާއި އާއްމުންގެ ފައިސާ ހަރަދުކުރަންވާނީ ވިސްނުންތެރި އަދި އެންމެ ހެޔޮތުގައި ކަމަށެވެ.

ޔުނައިޓެޑް ހިންގުމާ އިނގިރޭސިވިލާތުގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާ ޖިމް ރަޓްކްލިފޭ ހަވާލުވި ފަހުން އެ ކުލަބު ހިންގުމަށް ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ. މި ގޮތުން މިހާތަނަށް އެންމެ ބޮޑަށް ކޮށްފައިވާ ކަމަކީ ހަރަދު ކުޑަކުރުމުގެ މަސައްކަތެވެ.

މިގޮތުން މިހާތަނަށް 200ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާއިރު ކުލަބުން މިހާތަނަށް މުވައްޒަފުންނާއި ކުޅުންތެރިންނަށް ހިލޭ ދެމުންދިޔަ ގިނަ ހިދުމަތްތަކަކުން މިހާރު ވަނީ އަގު ނަގަން ފަށައިފަ އެވެ. މީގެ ތެރޭގައި ދުއްވާތަކެތިން ޕާކް ކުރުމާއި ހެނދުނުގެ ސައި ހިލޭ ދިނުން ހުއްޓާލައި އަގު ދައްކައިގެން ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ކުލަބުގެ ބައެއް ރަމްޒީ މަގާމުތަކުގައި ތިބި ފަރާތްތަކަށް ދެމުން އައި އިނާޔަތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.