ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ކުރިމަތިލުމުގެ ފުރުސަތު ނުދޭން އެ ގައުމުގެ ފެޑެރަލް އެސޯސިއޭޝަންތަކުން ނިންމައިފިއެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 27 ސަރަހައްދީ އެސޯސިއޭޝަންތައް އޮވެ އެވެ. މީގެ ތެރެއިން 23 އެސޯސިއޭޝަނަކުން ވަނީ ރޮނާލްޑޯގެ އަޑު ނާހައި މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒަށް ތާއީދު ކުރަން ނިންމައިފަ އެވެ.
"އާއްމުކޮށް އަހަރެންގެ ވިސްނުން ހުރި ގޮތް އަހަރެންވާނީ ކިޔައިދީފައި. ކުރިއަށް އޮތް އިންތިހާބުގައި އަހަރެން ކުރިމަތިލައި ކަންކަން ކުރަން ބޭނުންވާ ގޮތް ވެސް ވާނީ ކިޔާދީފައި. އެކަމަކު އަހަރެން ނަން އަނބުރާ މި ގެންދަނީ އަހަރެންގެ ހިޔާލުތަކަށް ތާއީދު ނުލިބުމުން. މިވަގުތު ކަންކަން ނިންމުމުގެ ބާރު ހުރި ގިނަ ފަރާތްތަކުން ބޭނުންވަނީ އަހަރެންގެ ހިޔާލުތަކާއެކު ކުރިއަށްދާކަށްނޫން،" ރޮނާލްޑޯ ބުންޏެވެ.
ބްރެޒިލްގެ ފެޑަރޭޝަނުގެ ރައީސް ކަން ލިބިއްޖެނަމަ ރޮނާލްޑޯގެ އެންމެ އިސްކަމެއްގެ ގޮތުގައި އޮތީ ކޮރަޕްޝަން ނައްތާލުމާއި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމު ރީސްޓްރަކްޗާރ ކުރުމެވެ. މި ގޮތުން އޭނާއާއެކު ސްޕޭނުގެ ބާސެލޯނާ އަށް ކުޅުނު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބްރެޒިލްގެ ކޯޗަކަށް ގެންދިއުމަކީ އޭނާގެ އެންމެ އިސް އަމާޒު ކަމަށްވެ އެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަމިލާނާއި އޭސީ މިލާނަށް ވެސް ކުޅުނު ރޮނާލްޑޯ ބުނީ ބްރެޒިލްގެ ފެޑަރޭޝަނުގެ ރައީސް ކަމަށް ކުރިމަތިލާން އޭނާ ގަސްތުކުރީ ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ގައުމަށް އެ ތަށި ނުލިބި 22 އަހަރުވުމުން ބްރެޒިލްގެ ފުޓްބޯޅަ ބަދަލުކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް އޭނާ މި ކެމްޕޭން ފެށުމާއެކު ބްރެޒިލްގެ ފެޑަރޭޝަނުގެ މިހާރުގެ ރައީސް އެޑްނާލްޑޯ ވަނީ ވަރަށް ބޮޑަށް ބްރެޒިލްގެ ފުޓްބޯޅައިގެ ހަރަކާތްތަކުން ރޮނާލްޑޯ އެކަހެރި ކުރަން ފަށައިފަ އެވެ. މި ގޮތުން 1994 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި ހޯދިތާ 30 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުތަކުންނާއި ވީޑިއޯ ކްލިޕްތަކުގައި އޭނާގެ ފޮޓޯ އާއި މަންޒަރު ދެއްކުން ވެސް މަނާ ކުރި އެވެ.
ރޮނާލްޑޯ އަކީ ދެ ފަހަރު ބްރެޒިލަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ މިހާރު ސްޕޭނުގެ ރެއާލް ވަޔަޑޮލިޑްގެ މައި ހިއްސާދާރު ވެސްމެ އެވެ. ނަމަވެސް އެކުލަބުގެ ސަޕޯޓަރުން އޭނާ ކުލަބު ހިންގާ ގޮތާމެދު ހިތްހަމަނުޖެހެ އެވެ.