ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، 9-3 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އާސެނަލްއިން ހޯދައިފިއެވެ.
މި ދެ ޓީމު މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގު އާސެނަލް އިން ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް އާސެނަލް އިން ނިކުތްއިރު ކޯޗު މިކޭލް އާޓޭޓާ ވަނީ ފުރަތަމަ ލެގަށް ނިކުތް ޓީމު އެއްކޮށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ހަވަނަ މިނިޓުގައި އާސެނަލްގެ އޮލެކްޒެންޑަރ ޒިންޗެންކޯ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 12 މިނިޓު ފަހުން ޕީއެސްވީގެ އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ފުރަތަމަ ލެގުގައި ޕީއެސްވީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ. އާސެނަލްގެ ބެންޗު ޓީމު މި މެޗަށް ނިކުތްއިރު ފުރަތަމަ ލެގުގައި ހޯދިފައި އޮތް ތަފާތު ބޮޑު ނަތީޖާ އަނބުރާލަން ޕީއެސްވީއަށް ފަސޭހަކަމަކަށް ނުވި އެވެ.
އާސެނަލްގެ ޑެކްލަން ރައިސް ވަނީ މެޗުގެ 37 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މި މެޗުގައި ދެވަނަ ފަހަރަށް އާސެނަލްއަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި އާސެނަލް އިން ޖެހި ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދީފައިވަނީ ރަހީމް ސްޓާލިން އެވެ.
ޕީއެސްވީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޫހައިބް ޑްރިއޯޗް އެވެ.
މި މުބާރާތުގައި އެންމެ ތަފާތުބޮޑު ނަތީޖާއެއް މިހާތަނަށް ހޯދާފައިވަނީ 12-1 ގެ އެގްރިގޭޓް ނަތީޖާއަކުން 2008-09 ވަނަ އަހަރުގެ ސީޒަނުގައި ސްޕޯޓިން އަތުން ބަޔާން މިއުނިކް މޮޅުވި މެޗެވެ.