ވިޔަފާރި

އުރީދޫގެ ސަބްމެރިން ކޭބަލްގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި


އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އުތުރުން ދެކުނަށް އެޅުމަށް ކަނޑައަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި ފެށި އޮފްޝޯ މެރިން ސާރވޭ ނިންމާލައިފިއެވެ.

އުރީދޫއިން ސަބްމެރިން ކޭބަލް އަޅަނީ ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދިވެރިކޮށެވެ. އެގޮތުން 1200 ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިގެންދާ ގޮތަށް އަޅާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރަށް އިތުރު ކުރިއެރުން ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮފްޝޯ މެރިން ސާރވޭ ކޮށްފައިވަނީ އެމްވީ ޑިއުކް ނަމަކަށް ކިޔާ، ސާރވޭކުރާ އުޅަނދެއްގެ އެހީގައެވެ. މި އުޅަނދުގައި ޤާއިމްކޮށްފައިވާ ޚާއްޞަ ސާރވޭ ލެބޯޓަރީއެއް މެދުވެރިކޮށް، ބޯޓުގައި ތިބެގެން ޑޭޓާ ޕްރޮސެސްކޮށް، ރިޕޯޓް މިހާރު ލިބިފައިވާކަމަށް އުރީދޫން ހާމަކުރެއެވެ.

ހުއާވޭ މެރިންއިން ރާއްޖޭގެ މާޙައުލަށް އެކަށޭނަ ގޮތަށް ތައްޔާރުކުރާ ސަބްމެރިން ކޭބަލްއެއް ފަރުމާކުރުމުގެ ކުރިން ބޭނުންވާނެ މަޢުލޫމާތު އެއްކުރުމަށްޓަކައި، އެމްވީ ޑިއުކް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ސާރވޭތަކެއް ކުރިއަށްގެންގޮސްފައެވެ.

އުރީދޫން ބުނީ، އެ ކުންފުންޏަށް ރާއްޖޭގެ އިންޓަރނެޓް ސަރވިސް ޕްރޮވައިޑާއެއްގެ ލައިސަންސް ލިބުމާއެކު އެ ކުންފުނިން އެންމެބޮޑު އިސްކަމެއް ދިނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް އެކަށީގެންވާ ސްޕީޑްގައި އިންޓަރނެޓް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލެއް އަޅައި މިއަދުގެ ޑިޖިޓަލް ދުނިޔޭގެ ފައިދާތަކާއި ފުރުޞަތުތައް ރައްޔިތުންނަށް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.

އެކުންފުނިން ބުނީ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ފަރުމާކުރެވުމާއެކު ވަރަށް އަވަހަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.