ޚަބަރު

އައްޑޫ ކަރަންޓު މައްސަލަ: 1 މެގަވޮޓްގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި


އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެސީޓީގެ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް ގެންދިޔަ އެއް މެގަވޮޓުގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކައިން ވިދާޅުވީ މާލެއިން ގެންދިޔަ އެ ޖަނަރޭޓަރު މިއަދު އައްޑޫ އަށް ގެންގޮސް ސެންޓްރަލް ޕަވަރ ސްޓޭޝަންގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް އިންޑިއާއިން 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް ދަނީ ދަތުރުކުރަމުންނެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.

ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް މިކަމާ ގުޅިގެން އޮތްއިރު، ކަރަންޓު ކަނޑަންޖެހޭ މައްސަލަ ހައްލުކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިމައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން އޯވަހޯލްކޮށް މަރާމާތުކުރަމުންދާ 1.6 މެގަވޮޓްގެ 2 ޖަނަރޭޓަރު ސެޓްގެތެރެއިން، އެއް ޖަނަރޭޓަރުގެ މަސައްކަތް ނިންމާ މިހާރު ޚިދުމަތަށް ގެނެސްފައިވާކަމަށް ނަޖާހު ވިދާޅުވިއެވެ. އަދި ދެން ހިމެނޭ އަނެއް ޖަނަރޭޓަރުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށް ފެނަކައިން މަޢުލޫމާތު ދެއްވައެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.