އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން މަމަހުގެ 10 ވަނަ ދުވަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ސުންގަޑި މިއަދު ހެނދުނު 11:00އަށް ހަމަވިއިރު ކުރިމަތިލީ އެންމެ ބޭފުޅުކެވެ. އެއީ ސިވިލް ކޯޓުގެ ޤާޟީކަމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފަފައިވާ މަރްޔަމް ނިހާޔަތުއެވެ.
އެއާއެކު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކުރި ދެވަނަ ޢިއުލާނުގައި ވިދާޅުވީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަލުން އިޢުލާން ކުރިކަމުގައިވިޔަސް ޖޭއެސްސީްނ 10 މާރިޖޗްގައިކުރި އިއުލާނާ ގުޅިގެން ފުރިހަމަކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހަޅަން ނުޖެހޭނެކަމަށް އިއުލާނުގައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި އެމައްސަލަބަލާތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް، މި ދެފަނޑިޔާރުން މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ.