ރަތް ކަނޑާއި ޢަރަބި ކަނޑާއި ބާބުލް މަންދަބާއި ޢަދަން ކަނޑުގައި ދަތުރު ކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރަށް ޙަމަލާތައް ދޭން އަލުން ފަށާނެ ކަމަށް ޔަަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން އިޢުލާނު ކޮށްފިއެވެ.
ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާސިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރުަތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.
ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުން ޙޫޘީން ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ދެމުންދިޔަ ޙަމަލާތައް ވެސް މަޑުޖައްސާލައިފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ އެކު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނިކަމެތިކޮށް ޙާލުގައި ޖެއްސުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ހުރަސްއެޅުމުން ޙޫޘީން ވަނީ ވަކި މުހުލަތެއްގެ ތެރޭގައި އެ ހުރަސްތައް ނައްތާނުލައިފި ނަމަ އަނެއްކާ ވެސް ކަނޑުގެ މަގުން ދެމުންދިޔަ ޙަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ގޮތުން ޙޫޘީން ވަނީ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ފުރުޞަތު ދިނުމަށް މާރިޗު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުހުލަތެއް ދީފައެވެ.
ނަމަވެސް ހަތަރު ދުވަހުގެ މުހުލަތު ހަމަވިއިރު ވެސް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ޔަހޫދީން ދީފައި ނުވާތީ އަލުން ޙަމަލާތައް ފެށުމަށް ނިންމާފައިވާ ކަމަށް ޙޫޘީން މިހާރު ވަނީ އިޢުލާނު ކޮށްފައެވެ. ޙޫޘީން ބުނީ ކާބޯތަކެއްޗާއި ބޭސް ހިމެނޭ ގޮތަށް ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރެވޭނެ މަގުތައް ޔަހޫދީން ހުޅުވާނުލާހާ ހިނދަކު ޙޫޘީންގެ ޙަމަލާތައް ދެމުންދާނެ ކަމަށެވެ.