ޚަބަރު

ކޭންގެ ތާރީޚީ ލަނޑާއެކު ބަޔާން ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 2-0 ގެ ނަތީޖާއަކުން ބަޔާ ލެވަކޫސަން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބަޔާން މިއުނިކުން ހޯދައިފިއެވެ.

ޖަރުމަނުގެ ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފައިވާއިރު، ރޭގެ ނަތީޖާ އާއެކު ބަޔާން މިއުނިކަށް ކުރި ލިބިފައިވަނީ 5-0 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ.

ލެވަކޫސަންގެ ބޭ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ބަޔާން މިއުނިކްގެ ކިންގްސްލޭ ކޯމަން އާއި މައިކަލް އޮލިސޭއަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ބަޔާން މިއުނިކް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޖޯޝުއާ ކިމިޗް ފޮނުވާލި ހިލޭ ޖެހުން ލެވަކޫސަންގެ ކޫޅުންތެރިން ބްލޮކް ކުރިއިރު އެ ބޯޅަ ހެރީ ކޭން އަށް ލިބުމުން އޭނާވަނީ އެއް ފަހަރުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ހެރީ ކޭން މި މެޗުގައި ޖެހި ލަނޑަކީ އޭނާ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޖެހި 10 ވަނަ ލަނޑެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އެއް ސީޒަނެއްގައި އިނގިރޭސިވިލާތުގެ ކުޅުންތެރިއަކު 10 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހެރީ ކޭންގެ އެސިސްޓަކުން އަލްފޮންސޯ ޑޭވީސް އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނާނީ އިޓަލީގެ އިންޓަރ މިލާން އެވެ.