ކުޅިވަރު

ލިވަޕޫލްގައި ތިބީ ތިން ފައިޓަރ ޖެޓް، ބޯޅަ ދީގެންނުވާނެ: އެންރީކޭ


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ކައުންޓަ އެޓޭކް ހުއްޓުވަން ޖެހޭނެ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅޭ މި މެޗުން ޕީއެސްޖީން މޮޅުވެގެން ނޫނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ނުދެވޭނެ އެވެ. އެއީ ފްރާންސްގައި ހުސްވި ހަފުތާގައި ކުޅުނު މެޗުން ލިވަޕޫލް 1-0އިން މޮޅުވެފައިވާތީ އެވެ. ނަމަވެސް އެ މެޗުގައި މޮޅަށް ކުޅުނީ ޕީއެސްޖީ އެވެ.

މިރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ ލިވަޕޫލް ހުއްޓުވޭނީ ޕީއެސްޖީއަށް މެޗުގެ ކޮންޓްރޯލް ލިބިގެން ކަމަށެވެ.

"ކަރުދާހަށް ބަލާއިރު އެމީހުންނަކީ ޔޫރަޕުގައި އެފަދަ ދެވަނަ އެއްނެތް ޓީމެއް. ދެން އަހަރެން ދެކޭ ގޮތުގައި އެމީހުންނަކީ ކައުންޓަ އެޓޭކްގައި ވަރަށް ހަލުވި ޓީމެއް. ހާއްސަކޮށް ކުރީގައި އެތިބީ ތިން ފައިޓަޖެޓް. ކޮންމެ ގޮތެއް ހަދާފައި ވެސް އެމީހުން ހުއްޓުވަން ޖެހޭނެ. އެހެންނޫނީ މޮޅެއް ނުވެވޭނެ. އެކަން ކުރުމަށްޓަކައި އަހަރުމެން އެބަޖެހޭ ބޯޅަ އަތުގައި ބާއްވަން،" އެންރިކޭ ބުންޏެވެ.

ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ކޯޗު ބުނީ ލިވަޕޫލަށްވުރެ އޭނާގެ ޓީމުގައި ވަރުގަދައީ ކޮންކޮން ޑިޕާޓްމަންޓަތަކެއްކަން ބުނަން ބޭނުންނުވާ ކަމަށާއި ނަމަވެސް ޕޮސެސް ކުރާ ގޮތަށް ބަލާއިރު ޕީއެސްޖީ އަށް ކުރި ލިބޭ ކަމަށެވެ.

"އަހަރުމެންގެ މި މެޗުގެ ކޮންޓްރޯލް ހޯދަން ޖެހޭނެ. ހާއްސަކޮށް އަހަރުމެން މޮޅުވާން މަޖުބޫރު މެޗަށްކަށް ވެސް ވުމާއެކު. އަހަރުމެން އަތުގައި ގިނަ ވަގުތު ބޯޅަ ބޭއްވިއްޖެނަމަ އެމީހުންނަށް އުނދަގޫ ކުރެވޭނެ. އެކަމަކު ވަރަށް ވިސްނަންޖެހޭނެ އެމީހުންގެ ޓްރާންސިޝަންތަކަށް. އޭރުން މޮޅުވުމުގެ ފުރުސަތު އޮންނާނީ،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗަށް އަލިއަޅުވާލުމަށްފަހު ލިވަޕޫލްގެ ގިނަ ކުޅުންތެރިން ބުނަނީ ޕީއެސްޖީ އަކީ މި ސީޒަނުގައި ލިވަޕޫލަށް ދެކޮޅަށް ކުޅުނު އެންމެ މޮޅު ޓީމު ކަމަށެވެ.

"އަހަރުމެން އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްލައިގެން ނުވާނެ. އެމީހުންނަކީ ވަރަށް މޮޅު ޓީމެއް. އެމީހުން އަހަރުމެން މައްޗަށް ކާމިޔާބު ހޯދާނެ ކުޑަވެސް ފުރުސަތެއް ދީފިއްޔާ. ޕީއެސްޖީގައި ވަރަށް މޮޅު ކުޅުންތެރިން އެބަތިބި. ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިން އެބަތިބި. ޓީމެއްގެ ގޮތުގައި ވެސް އެމީހުން ވަރަށް ވަރުގަދަ،" ޑިފެންޑަރު ރޮބަޓްސަން ބުންޏެވެ.

މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން އެކެއް ޖަހާއިރު އެވެ.