ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިރޭ ބާއްވާ އިޙްޔާ ފޯރަމް ޚާއްސަކޮށްފައިވަނީ "އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ޒަކާތުގެ ދައުރު" މިމައުޟޫއަށެވެ. މިފޯރަމް އޮންނާނީ މިރޭ 21:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މައުމޫން ފައުންޑޭޝަނުން މިއަހަރު ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ބާއްވާފައިވަނީ ރޯދަމަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި ފޯރަމް ގައި ތަޤުރީރުކުރެއްވީ ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރެވެ. އެ ފޯރަމް ޚާއްސަކުރީ "އިސްލާމީ އަޅުކަންތަކުގެ އަލީގައި އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމް" މި މައުޟޫއަށެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައިވެސް ތަޤުރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.