ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން މިދިޔަ އަހަރު ބަލައިގަތް މައްސަލަތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު، %18 އިތުރުކަމަށް އެކޮމިޝަނުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
އެޗްއާރުސީއެމުން އާންމުކުރި މިދިަޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2023ވަނަ އަހަރު އެކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 652 މައްސަލަ ވަނީ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު ރަޖިސްޓްރީކުރީކޮށް ބަލައިގަތް މައްސަލަތކުގެ އަދަދު 797އަށް އަރައެވެ. އެހެންކަމުން މިއީ %18 އިތުރުވުމެކެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރާއި މި އަހަރާ އަޅަބަލާއިރު ރަޖިސްޓްރީކުރި މައްސަލަތަކުގެ ތެރެއިން ތަޙުޤީޤުކުރަން ނިންމި މައްސަލަތަކުގެ އަދަދުވެސް އިތެރެވެ. އެ ގޮތުން މިދިޔަ އަހަރު 487 މައްސަލައެއް ތަޙުޤީޤުކުރުމަށް ނިންމާފައިވާއިރު، 2023ވަނަ އަހަރު ތަޙުޤީޤުކުރަން ނިންމާފައިވަނީ 393 މައްސަލައެވެ.
2024ވަނަ އަހަރާއި 2023ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު އެޗްއާރުސީއެމުން ތަޙުޤީޤުކޮށް ނިންމި މައްސަލަތައް މަދެވެ. އެ ގޮތުން 2023ވަނަ އަހަރު 524 މައްސަލައެއް ތަޙުޤީޤުކޮށް ނިންމިއިރު، 2024ވަނަ އަހަރު ނިންމީ 309 މައްސަލައެވެ.
• ގައިދީން އަދި ބަންދުގައި ތިބޭ މީހުންގެ ޞިއްޙީ ޙައްޤުގެ 158 މައްސަލަ
• ޓޯޗަރއާ ގުޅުންހުރި 107 މައްސަލަ
• ގައިދީން އަދި ބަންދުގައި ތިބޭ މީހުންގެ އެހެނިހެން ޙައްޤުގެ 58 މައްސަލަ
• އިޖުތިމާޢީ އިޤްތިސާދީ އަދި ސިޔާސީ ގޮތުން ލިބިދޭ ޙައްޤުގެ 31 މައްސަލަ
• އާއިލާއާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 33 މައްސަލަ
• ބިދޭސީންނާ ގުޅުންހުރި 23 މައްސަލަ
• ބޯހިޔާވަހިކަމާ ގުޅުންހުރި 20 މައްސަލަ
• ފުލުހުންނާ ގުޅުންހުރި 19 މައްސަލަ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.