ކުޅިވަރު

ކޯޓުއާ ގައުމީ ޖާޒީލުމުން ޓީމުތެރެ ހަލަބޮލިވެ، މިހާރުގެ ކީޕަރު ކުޅުން ހުއްޓާލަަނީ!


ވަގުތީ ގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ގޯލްކީޕަރު ތިބައޫ ކޯޓުއާ އަލުން ކުޅެން ނިންމުމާއެކު، ބެލްޖިއަމްގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހަލަބޮލިކަން އުފެދިއްޖެއެވެ.

މި ގޮތުން މިކަމާ އެންމެ ބޮޑަށް ނުރުހުންވެފައި ހުރީ ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އެއްވަނަ ކީޕަރުކަން ކުރި ކަސްޓީލް އެވެ. އޭނާ ބުނެފައިވަނީ އަލުން ކޯޓުއާ އަށް ގައުމީ ޓީމުން ފުރުސަތު ދިނުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށެވެ. އަދި މިއީ ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެސް ހީލަތްތެރި ނިންމުމެއް ކަމަށެވެ. އަދި އޭނާ ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށެވެ.

"ހިތަށް އެރީމަ ގައުމީ ޓީމަށް ކުޅެފައި، ހިތަށް އެރީމަ ހުއްޓާލުމަކީ ރަނގަޅު ގޮތެއްނޫން. ފުޓްބޯޅަ އެސޯސިއޭޝަނުން 180 ޑިގްރީގެ ބޮޑު ޔޫޓާންއެއް ނެގުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން. އޭނާ އަށް ރަތްކާޕެޓުގެ މަރުހަބާއެއް ކިޔައި ތަންމިނަށް ފުރުސަތު ހުޅުވާލުމަކީ ވަރަށް ބޮޑު ބޭއިންސާފެއް،" ކަސްޓީލް ބުންޏެވެ.

އޭނާ އަދި ބުނީ މިކަމުގައި އެންމެ ބޮޑަށް ގޯސް ހަދާފައިވަނީ ވެސް ފުޓްބޯޅަ އެސޯސިއޭޝަނުން ކަމަށެވެ.

"މިކަމުގައި ގޯހީ ކޯޓުއާއެއް ނޫން. ފުޓްބޯޅަ އެސޯސިއޭޝަން. މިއީ ޓީމެއްގެ ތެރޭގައި ހުންނަންވާނެ އުސޫލުތަކާ ހިލާފު ކަމެއް. ޓީމު ކުޅިވަރެއްގައި ޓީމެއްގެ އެއްވެސް އަގެއްނެތްކަން މި ކަމުން ދައްކައިދެނީ. މީގެ ފަހުން އަހަރެން ގައުމީ ޓީމަށް ނުކުޅޭނަން،" ކަސްޓީލް ބުންޏެވެ.

ހުސްވި އަހަރުގެ ކުރީކޮޅު ކޯޓުއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭރުގެ ކޯޗާ މައްސަލަ ޖެހިގެންނެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވުނީ ކޯޓުއާ ކެޕްޓަންކަން ބޭނުންވެފައި ހުއްޓައި އެކަން ރޮމެލޫ ލުކާކޫ އަށް ދިނުމެވެ.

ނަމަވެސް އައު ކޯޗު ރުޑީ ގާސިއާ ވަނީ މަގާމާ ހަވާލުވުމަށްފަހު ކޯޓުއާއާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުން އޮތީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި ސްޕޭނުގެ ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ކުރިންނެވެ. ގާސިއާ ބުނީ މި މެޗުގެ ކުރިން ރެއާލްގެ ދަނޑުގައި ކޯޓުއާ އާއި ސިޓީގައި ބެލްޖިއަމްގެ ދެ ކުޅުންތެރިން ކަމަށްވާ މިހާރުގެ ކެޕްޓަން ކެވިން ޑެބްރޫނޭ އާއި ޖެރެމީ ޑޮކޫއާ ބައްދަލުކުރި ކަމަށެވެ.

"ކޯޓުއާ އެނބުރި ގައުމީ ޓީމަށް އަންނާނެ. އަހަރެން މި ހުރީ ވަރަށް އުފަލުން އޭނާ އެނބުރި އަންނާތީވެ. އޭނާ އަކީ މޮޅު ގޯލްކީޕަރެއް. އޭނާގެ އެހީތެރިކަން އަހަރުމެން ވަރަށް ބޭނުންވާނެ،" ގާސިއާ ބުންޏެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ކޯޓުއާ އާއި ކަސްޓީލް އަކީ ވަރަށް ބޮޑު ދެ ވާދަވެރިންނެވެ. ޔޫތު ލެވެލްގައި މި ދެ މީހުންގެ ކުރެ އެއްވަނަ ކީޕަރުކަން ލިބުނީ ކަސްޓީލް އަށެވެ. ނަމަވެސް ލިބުނު އަނިޔާއަކަށްފަހު އޭނާގެ ކުޅުން ދަށްވެ، ބެލްޖިއަމްގެ އެއްވަނަ ކީޕަރުކަން ލިބި ކޯޓުއާ ވަނީ ދުނިޔޭގެ ފެންވަރުގައި މޮޅަށް ކުޅެ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. މި ގޮތުން ދުނިޔޭގެ އެއްވަނަ ކީޕަރުކަމާއި، ޗެމްޕިއަންސް ލީގުގެ އެއްވަނަ ކީޕަރުކަން ހިމެނެ އެވެ.