އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ރޭ ޝާލޮޓް އެފްސީއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އިންޓަރ މަޔާމީން ކާމިޔާބުކޮށްފިއެވެ.
އިންޓަރ މަޔާމީން މި މެޗު ކާމިޔާބުކުރިއިރު، އެ ޓީމުގެ ތަރި ލިއޮނެލް މެސީ މި މެޗުގައިވެސް ކުޅެފައެއް ނުވެއެވެ. އަދި މެޗުގެ 38 ވަނަ މިނިޓުގައި ގޯލްކީޕަރަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އިންޓަރ މަޔާމީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޝާލޮޓް އެފްސީން ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ވިލްފްރެޑް ޒަހާއަށް ވަނީ ރަނގަޅު ތިން ފުރުސަތު ލިބިފައެވެ.
އިންޓަރ މަޔާމީއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 38 ވަނަ މިނިޓުގައި ގޯލުކީޕަރު އޮސްކާ އުސްޓާރީއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. އޭނާ އަށް ރަތް ކާޑު ދައްކާފައިވަނީ އޭރިޔާ ބޭރުން ޝާލޮޓުގެ ފޯވަޑް ޒަހާއަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި އިންޓަރ މަޔާމީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ސުއަރޭޒް ދިން ޕާހަކުން ޓަޑެއޯ އަލެންޑޭއެވެ.
އިންޓަރ މަޔާމީން ލަނޑު ޖަހާ ކުރި ހޯދި ނަމަވެސް ޝާލޮޓަށް ވަނީ މި މެޗުން މޮޅުވާނެހާ ހުސް ފުރުސަތުތައް ދެވަނަ ހާފުގައިވެސް ލިބިފައެވެ.
އާޖެންޓީނާގެ ހާވިއާ މަޝެރާނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިންޓަރ މަޔާމީން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމުން ވަނީ އެމްއެލްއެސްގައި މި ސީޒަނުގައި ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ހޯދާފައެވެ.
އިންޓަރ މަޔާމީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.