އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް މަޖުބޫރުކޮށް، ގަނާކުރާ ނަމަ، އެ ކަމަށް އެއްބަސްނުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ރޫހީ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާއީ މަޝްވަރާ ކުރުމަށް އިންކާރު ކުރައްވައިފިއެވެ. ޚާމަނާއީ މި ކަން ހާމަ ކުރައްވާފައި މި ވަނީ، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތަކަށް އޭނާއަށް ދަޢުވަތު އަރުވާފައިވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ބޭނުންވާ ކަމުގައެވެ. ހުޅަނގުން ޤަބޫލު ކުރާ ގޮތުގައި އީރާނުން ކުރިއަށް ގެންދާ ނިއުކްލިޔަރ ޕުރޮގުރާމުގެ އަމާޒަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމެވެ. އެއީ، ހުޅަނގުގެ ބާރުތަކަށް ހަޖަމު ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އަދި، އެ ކަން ހުއްޓުވުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް ހުޅަނގުގެ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ އޮތް ނުތަނަވަސް ކަން ދެ ގޮތަކުން ޙައްލު ކުރުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ: އެއީ، އަސްކަރީ ގޮތުން ނުވަތަ އެއްބަސްވުމެއް އެކުލަވައިލުމެވެ. އީރާން ސަރުކާރުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕްގެ ވާހަކަފުޅަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވިދާޅުވީ އެމެރިކާގެ ބޭނުމަކީ އެ ޤައުމު ހިތުހުރި ގޮތަކަށް އަމަލު ކުރުން ކަމުގައެވެ.
"ގަނާކުރާ ބައެއް ސަރުކާރުތަކުން [އެމެރިކާއިން] މަޝްވަރާތަކުގައި ބައިވެރިވުމަށް [އީރާނަށް] މަޖުބޫރު ކުރުވުމަކީ ސުލްޙަވެރި ޙައްލުތަކެއް ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން،" ޚާމަނާއީ ވިދާޅުވިއެވެ. "މަޝްވަރާއަކީ އެ މީހުންނަށް އައު ޑިމާންޑުތަކެއް ކުރުމަށް އޮތް ފުރުޞަތެއް، އެއީ ހަމައެކަނި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅުން އޮތް ކަމެއް ނޫން، އީރާނުން އެ މީހުން [އެމެރިކާ] ބޭނުންހާ ގޮތަށް އަމަލެއް ނުކުރާނެ."
ޓްރަމްޕްގެ ދަޢުވަތަށް ޚާމަނާއީ ރައްދު ދެއްވުމާ ގުޅިގެން ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ މަޖިލީހުގެ ތަރުޖަމާނު ބްރަޔަން ހިޔުސް ވަނީ އީރާނަށް އިންޒާރު ދެއްވާފައެވެ. ޓްރަމްޕްގެ އިންޒާރުތައް ތަކުރާރު ކުރައްވަމުން ހިޔުސް ވެސް ވިދާޅުވީ މި ކަމުގައި އީރާނަށް އޮތީ ދެ ގޮތް ކަމުގައެވެ. އެއީ، އެއްބަސްވުމެއް އެކުލަވައިލުން، ނުވަތަ އަސްކަރީ ބާރާ ކުރިމަތިލުން ކަމުހަގައެވެ. "އަޅުގަނޑުމެންގެ އުންމީދަކީ އީރާނުގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންގެ މަސްލަޙަތު އިސް ކުރުން، އަދި ނިރުބަވެރި ކަން ދޫކޮށްލުން،" އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލައި އަމަލު ކުރަމުން ދިޔައެވެ. ނަމަވެސް، އެ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ކުރީގެ ރިޔާސީ ދައުރުގައި 2018ވަނަ އަހަރުއެވެ.
އެއަށް ފަހު، މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެ ވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އެ ޤައުމުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާފައެވެ. އެއީ، އެމެެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ބާރު އެޅުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ.
އެކުވެރި ދައުލަތްތަކުގެ (އދ)ގެ ނިއުކްލިޔަރ ކަންކަމާ ބެހޭ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮސީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ތަރައްޤީކޮށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ޤައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްގެން އެއްބަސްވުމެއް އެކުލަވައިލުމަށް އޮތީ ވަރަށް ހަނި ފުރުޞަތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ މިންވަރާ ގާތަށް އީރާނުން ޔުރޭނިޔަމް މުއްސަނދި ކުރަމުންދާ ކަމަށް އައިއޭއީއޭން ޤަބޫލު ކުރެއެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ އިތުރުން ޔަހޫދީން ތުހުމަތު ކުރާ ގޮތުގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ އީރާނުގެ މައިގަނޑު އަމާޒެކެވެ. ނަމަވެސް، އީރާނުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.
އެ ޤައުމުން ބުނީ، ނިއުކްލިޔަރ ޕުރޮގުރާމަކީ މަދަނީ ބޭނުންތަކަށް ހިންގާ ޕުރޮގުރާމެއް ކަމުގައެވެ. ނަމަވެސް، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލަށް ކުރިމަތިވާނެ ބޮޑު ނުރައްކަލަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.