މިއަދުގެ ރޯދަ ބަދިގޭގައި ތައްޔާރުކުރާނީ "ކުސްކުސް ސެލެޑް"އެވެ. މިއީ ވަރަށް ސިއްޙަތަށް ފައިދާހުރި ސެލެޑެކެވެ. އަދި އަވަހަށް ތައްޔާރުކޮށްލެވޭ، މީރު ސެލެޑެކެވެ.
ކުސްކުސް
ގްރީން ބެލްޕެޕަރ
ގްރީން އޮލިވްސް
ކިއުކަމްބަރ
ޓޮމާޓޯ
ޕާސްލީ
ލޮނު
އަސޭމިރުސް
އޮލިވް އޮއިލް
ލުނބޯ ހުތް
ކުކުޅު
މިއީ ވަރަށް ކުޑަ ވަގުތުކޮޅަކުން ތައްޔާރުކުރެވޭ ސެލެޑެވެ. ކުސްކުސްކޮޅު ތައްޔާރުކުރުމަށް ބޭނުންވާ ވަރަށް ކުސްކުސް ބޯތަށްޓަކަށް އަޅާފަ، ކުސްކޮސްކޮޅާ އެއްހަމައަށް ހޫނުފެން އަޅާ މަތިޖަހާ މަޑުކޮށްލަން ބަހައްޓާނީއެވެ. 10 ވަރަކަށް މިނެޓުވުމުން، އުލަކުން ހާކާލާ ވަކިވަކިކޮށްލާނީއެވެ. އޭރުން ހުންނާނީ ތައްޔާރުވެފައެވެ. އިތުރަށް ރަހަ މީރުކޮށްލާނަމަ، ޗިކަން ސްޓޮކްކޮޅެއް، ކުސްކުސް މަޑުކުރާއިރު އެޅިދާނެއެވެ.
މި ސެލުޑުގައި ޕްރޮޓީންއެއް ހިމެނުމަށް ބޭނުންކުރަނީ ބޯންލެސް ކުކުޅެވެ. ބޭނުންނަމަ ކަނޑުމަސްވެސް ބޭނުންކުރެވިދާނެއެވެ. ކުކުޅުކޮޅު ސީޒަންކޮށްލާނީ ލޮނު، އަސޭމިރުސް އަދި ތެޔޮކޮޅަކާއެކުއެވެ. އެއަށްފަހު ރޯފިލަންދެން ފިހެލާނީއެވެ.
ދެން ތައްޔާރުކުރާނީ ސެލެޑުގެ ރަހަ ހެޔޮވަރުކުރަން އަޅާ ވިނެގްރެޓް ނުވަތަ ސީޒަނިންއެވެ. އެއަށް ބޭނުންވަނީ މޭޒުމަތީ ސަމްސަލެއްގެ ލުނބޯ ހުތް، 2 ސަމްސާ އޮލިވް އޮއިލް އަދި ލޮނާއި އަސޭމިރުސްއެވެ. ކުޑަ ބޯތައްޓަކަށް މި ތަކެތި އަޅާފައި އެއްކޮށްލާނިއެވެ.
ދެން ކުރިން ކޮށި، ގްރީން ބެލްޕެޕަރ، ގްރީން އޮލިވްސް، ކިއުކަމްބާ އަދި ޓޮމާޓޯކޮޅު، ވިނެގްރެޓްއާއެކު އެއްކޮށްލާނިއެވެ. ދެން ތަރުކާރީކޮޅު ކުސްކުސްއާއެކު އެއްކޮށްލާނީއެވެ. ފިހުނު ބޯންލެސް ކުކުޅުކޮޅުވެސް އެއާއި އެއްކޮށްލާނީއެވެ. މިހާރު މިހުރީ ކުސްކުސް ސެލެޑު ތައްޔާރުވެފައެވެ.
ކުސްކުސްއަކީ ބަތުގެ ބަދަލުގައި ބޭނުންކުރެވޭ އެއްޗެވެ. އެހެންކަމުން މިއީ ލުއިކޮށް ކާން ބޭނުންވާ މީހުންނަށް، ރަނގަޅު ކެއުމަކަށް ވެއެވެ. ތާރާވީޙް ގަޑިއަށް އަދި ހާރުދަމަށްވެސް ރަނގަޅު ކެއުމެކެވެ.
ޕީއެސްއެންގެ "ރޯދަ ބަދިގެ" ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.