ޚަބަރު

މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު ފަށަނީ


މާލޭގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި، ގާތައްވެސް މިހާރު ގެންނަމުންދާކަމަށެވެ. އަދި ގާއަތުރާ މެޝިންފަދަ ތަކެތިވެސް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އުންމީދަކީ، ޖުލައި މަހުގެ ތެރޭގައި މެޝިންތައް ގެނެސް ވީހާވެސް އަވަހަކަށް މަސައްކަތް ފެށުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަވެސް މަސައްކަތް ކުރައްވާނީ މަޖީދީ މަގުގެ ގާތައް ބަދަލުކޮށް ކާނުތައް ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މުޅި މަޝްރޫޢު ނިމޭއިރު، މާލޭގެ މަގުތަކުގައިހުރި ގާތައް ބަދަލުކޮށް ކާނުތައްވެސް ރަނގަޅު ކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ވަނީ މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައިތާރު އެޅުމަށްވެސް ނިންމަވާފައެވެ. މި މަސައްކަތް، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނިމި ހުޅުވަންވާއިރަށް ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފައިމަގުގައި އުޅޭ މަގުތައް ތަފާތު ޑިޒައިނަށް ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިގޮތުން އެފަދަ މަގުތައް ހިމެނޭ ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކާއި ވާހަކަދައްކައި ބައެއް ޑިޒައިންތައް ފައިނަލް ކޮށްފައިވާކަމަށްވެސް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.