ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް އިޢުލާންކޮށްފި


  • އަންހެން ދަނޑުވެރިންނަށް ޚާއްސަ ފަންޑެއް ހަމަޖެއްސުމަށް ނިންމާފައިވޭ

  • މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާ ގުޅޭ ތަމްރީންތައް އަންހެނުންނަށް ދެވޭނެ

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިޢުލާންކުރައްވައިފިއެވެ.

މި ކަންކަން އިޢުލާންކުރައްވާފައިވަނީ މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ދެއްވި ޚާއްސަ މެސެޖުގައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީންކުރަން ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މުޅި ޤައުމަށް ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ކެރުންތެރިކަން ހޯދައިދިނުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ. އަންހެނުންނަށް ހަމަހަމަކަމާއެކު މަސައްކަތްކުރާ ދަނޑުވެރިކަމުގެ ދާއިރާއެއް އުފެއްދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖުގައި އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުންވެސް ގިނަ ދާއިރާތަކަކުން އަންހެނުން ބާރުވެރިކޮށް، އެ މީހުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ، އެކަނިވެރި މައިންނަށް ޚާއްސަ ޢިނާޔަތާއި، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތައްވެސް ސަރުކާރުން ވަނީ އަންހެނުންނަށް ފަހިކޮށްދެއްވާފައެވެ.