ޚަބަރު

އެޓޫއަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ނިންމައިފި


އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ އިންތިޚާބުގައި ކެމަރޫންގެ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ސެމުއެލް އެޓޫއަށް ވާދަކުރެވޭނެ ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ނިންމައިފިއެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެޓޫއަށް ވާދަކުރެވޭނެތޯ ސުވާލު އުފެދިފައިވަނީ އޭނާއާ ދެކޮޅަށް ބަލާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ މައްސަލައިގެ އިތުރުން ސީއޭއެފްގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ކެމަރޫންގެ ގައުމީ ޓީމާއިއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ދެ ފަހަރު މަތިން ކާމިޔާބުކޮށްފައިވާ އެޓޫގެ މައްސަލައެއް އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބަލަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާއާ ދެކޮޅަށް ކެމަރޫންގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ.

އެޓޫގެ މައްސަލައެއް ފުރަތަމަ ބަލަން ފަށާފައިވަނީ ބެޓް ކުރާ ކުންފުންޏެއްގެ އެމްބަސަޑަރެއްގެ ގޮތުގައި އެޓޫ މައްސަކަތް ކުރުމަށް އެފަރާތާއެކު ސޮއިކުރުމާއި ގުޅިގެންނެވެ. އަދި އެ މައްސަލައިގައި އެޓޫ، ކުޅިވަރުގެ ރޫހާއި އަދި އަސާސީ ގަވާއިދާއި ޚިލާފު ވެފައިވާ ކަމަށް އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން އެކުލަވާލި ކޮމިޓީއަކުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މައްސަލައަކީ ހަމައެކަނި އެފަރާތުގެ އެތިކްސް ކޮމިޓީއަށް ބެލޭނެ މައްސަލައެއް ކަމަށް އެޓޫގެ ވަކީލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޓޫއާ ދެކޮޅަށް ކެމަރޫންގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ވަނީ މެޗު ވިއްކާލުމާއި އަދި އިންތިޚާބާއި ދިމާކޮށް ރިޝްވަތު ދީފައިވާކަމަށް ބުނެވެސް އިތުރު ތުހުމަތުތަކެއްކޮށް، އޭނާއާ ދެކޮޅަށް އިތުރު މައްސަލަތަކެއްވެސް ހުށައަޅާފައެވެ. ނަމަވެސް މި މައްސަލައިގައި އެޓޫއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށްބުނެ އެ މައްސަލަވެސް ވަނީ ނިމިފައެވެ.

ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަރ މިލާނަށްވެސް ކުރިން ކުޅެފައިވާ އެޓޫ އަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހަ މަސް ދުވަހުގެ މުއްދަތަށް ކެމަރޫން ކުޅޭ އެއްވެސް މެޗެއް ބެލުމަށް ދަނޑަށް ނުދެވޭ ގޮތަށް ފީފާ އިން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.

ހަތަރު ފަހަރު މަތިން އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެޓޫ އަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ނިންމާފައިވާއިރު އޭނާ ދަނީ އެ އިދާރާގެ ހިންގާ ކޮމިޓީގެ ގޮނޑިއަކަށް ކެމްޕޭން ކުރަމުންނެވެ.

ސީއޭއެފްގެ މިހާރުގެ ރައީސް ޕެޓްރިސް މޮޓްސޭޕް އެ މަގާމަށް ވާދަކުރާނެކަން އިއުލާން ކޮށްފައިވާއިރު އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓް އަދި މިހާތަނަށް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. މި އިންތިޚާބުގައި ސީއޭއެފްގެ ރައީސްގެ އިތުރުން ސީއޭއެފްއިން ފީފާގެ ކައުންސިލްގައި ހުންނާނެ މަންދޫބެއް އިންތިހާބު ކުރުންވެސް އޮންނާނެ އެވެ.