ކުޅިވަރު

ޔުވެންޓަސް އާއި އެޓަލާންޓާ ވަރުގަދަ ކުރިމަތިލުމަކަށް


އިޓާލިއަން ލީގުގައި އަންނަ އާދީއްތަ ދުވަހުގެރޭ ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރާނެއެވެ. މި މެޗުން މޮޅުވުން ދެ ޓީމަށްވެސް މުހިންމުވާ ސަބަބުތަކެއް އެބަހުއްޓެވެ.

އެގޮތުން މި މެޗަކީ ލީގުގެ ޕޮއިންޓު ތާވަލުގެ އުހުން ޖާގަ ކަށަވަރުކޮށް، އެއްވަނައިގައިވާ އިންޓަރ މިލާނާ ޕޮއިންޓްގެ ގޮތުން ފަރަގު ކުޑަކުރުމަށް ދެ ޓީމަށްވެސް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. ޔުވެންޓަސް އެންމެ ފަހުން ކުޅުނު މެޗުތަކުން ހޯދި ކާމިޔާބާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު، އެ ޓީމަކީ ލީގު ކާމިޔާބުކުރުމުގެ ގާބިލުކަންހުރި ޓީމެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެވެއެވެ.

ޕޮއިންޓް ތާވަލަށް ބަލާއިރު، އެއްވަނައިގައި އޮތް އިންޓަރ މިލާނާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސްގެ ދެމެދު އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ. އަދި ދެވަނައިގައި އޮތް ނާޕޮލީ އާއި ޔުވެންޓަސްއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. މީގެ އިތުރުން ތިންވަނައިގައިވާ އެޓަލާންޓާ އާއި ޔުވެންޓަސްގެ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓުގެ ފަރަގެކެވެ. ޔުވެންޓަސްއަށް 11 މެޗު ކުރިއަށް ތާވަލުކުރެވިފައިވާއިރު, ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުސަތު އަދިވެސް އެ ޓީމަށް އެބައޮތެވެ.

ތިއޭގޯ މޮޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސްއިން ވަނީ މިފަހުން ކުޅުނު މެޗުތަކުން ފުލުފުލުގައި ފަސް މޮޅު ހޯދާފައެވެ. ވަރުގަދަ ދިފާއެއް އޮތް ޔުވެންޓަސްއިން ވާދަވެރި އެޓަލާންޓާ ބަލިކުރުމަށް ތައްޔާރުވަމުން އަންނައިރު, ދިމާވާނެ އެންމެ ބޮޑު ހުރަހަކީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓަލާންޓާގެ ގޯލާއި ރައްޓެހި ދެ ކުޅުންތެރިން ކަމަށްވާ މަޓީއޯ ރެޓެގުއި އާއި އެޑެމޯލާ ލުކްމަން ހިފަހައްޓާލުމެވެ. މި ސީޒަނުގައި އެ ދެކުޅުންތެރިން ޖެހި ގޯލުގެ ޖުމްލަ އަދަދު މިހާރުވަނީ 33 އަށް އަރާފައެވެ.

އަނެއްކޮޅުން އެޓަލާންޓާ ފާހަގަކުރެވިފައިވަނީ މި ސީޒަނުގައި ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާ ޓީމެއްގެ ގޮތުގައެވެ. ޖިއަން ޕިއޭރޯ ގަސްޕެރިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެޓަލާންޓާ އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެގޮތުން އިންޓަރ މިލާނާއި ބައްދަލުކުރި އެ މެޗަށްފަހު އެޓަލާންޓާއިން ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ.