ޚަބަރު

ޓިކެޓު ވިއްކައިގެން މެޗަކުން އާސެނަލްއަށް 5.1 މިލިޔަން ޕައުންޑް!


އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައް އޮންނަ ދުވަސް ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ އާސެނަލްއިން ކަމަށް ޔުއެފާ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ޔުއެފާއިން ނެރުނު މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ޕްރިމިއަރ ލީގުގެ އާސެނަލްގެ ދަނޑުގައި މެޗެއް ކުޅޭ ކޮންމެ ދުވަހަކު އެކްލަބަށް ހަމައެކަނި ޓިކެޓް ވިއްކައިގެން 5.1 މިލިއަން ޕައުންޑުގެ އާމްދަނީ އެއް ލިބެއެވެ. އެމިރޭޓްސް ސްޓޭޑިއަމްގެ ޖާގައަކީ 60,704 (ފަސްދޮޅަސް ހާސް ހަތްސަތޭކަ ހަތަރެއް) ކަމުގައިވާއިރު އެ ޓީމުން މެޗު ޓިކެޓެއް ވިއްކަނީ 84.66 ޕައުންޑަށެވެ.

ޕްރިމިއާ ލީގުގައި މެޗު ޓިކެޓުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ދެވަނަ ޓީމަކީ ޓޮޓްނަމް ހޮޓްސްޕަރ އެވެ. އެ ޓީމުން 4.9 މިލިޔަން ޕައުންޑު ހޯދާއިރު ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބެނީ 4.3 މިލިޔަން ޕައުންޑެވެ. އަދި ހަތަރުވަނައިގައި އޮތް ލިވަޕޫލްއަށް 3.1 މިލިޔަން ޕައުންޑް ލިބޭއިރު، މެންޗެސްޓަރ ސިޓީއަށް ލިބެނީ 2.7 މިލިޔަން ޕައުންޑެވެ. އަދި މިދިޔަ އަހަރު އެންމެ އަގުބޮޑު ސްކޮޑެއް އޮތް ޗެލްސީއަށް މެޗު ޓިކެޓުން މެޗަކަށް ލިބެނީ 2.4 މިލިޔަން ޕައުންޑެވެ.

އާސެނަލް އާއި ޓޮޓްނަމްއަށް މެޗު ޓިކެޓުން އެހާ ބޮޑު އާމްދަނީ އެއް ލިބެނީ އެ ކްލަބުގެ ހޮސްޕިޓަލިޓީ ސިޓުތައް ބޮޑު އަގުގައި ވިއްކައިގެންނެވެ. އަދި ޔޫރަޕްގެ ގިނަ ކްލަބްތަކުން އެ ކްލަބުތަކުގެ ދަނޑުގެ ޖާގަ އިތުރުކުރުމަށް މަސައްކަތް ކުރަމުންދަނީ އާމްދަނީ އިތުރު ކުރުމުގެ ގޮތުންނެވެ.

ޔޫއެފާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޔޫރަޕްގެ ނަން މަޝްހޫރު އެހެން ލީގުތަކާއި އަޅާބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ. އެ ގޮތުން ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސްގެ އިތުރުން ސްޕޮންސަރޝިލް ތަކަކީ އެހެން ލީގުތަކަށްވުރެ އަގުބޮޑުކޮށް ވިއްކާލެވޭ ބައެއް ކަމުގައި ޔޫއެފާއިން ވަނީ ފާހަގަކޮށްފަ އެވެ.

މި ސީޒަން ފެށުމުގެ ކުރިން ކްލަބްތަކުން މެޗު ޓިކެޓުގެ އަގު ބޮޑު ކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހިގެން ސަޕޯޓަރުންވަނީ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަމާއި ދެކޮޅަށް ފުޓްބޯޅަ ސަޕޯޓަރުންގެ އެސޯސިއޭޝަނުންވެސް ވަނީ އަޑުއުފުލާފަ އެވެ.

މި ކަމާއި ގުޅިގެން ބައެއް ކްލަބްތަކުން މެޗު ޓިކެޓުގެ އަގު ކުޑަކުރި ނަމަވެސް އާސެނަލް އިން މިދިޔަ ސީޒަނުގައިވަނީ މެޗު ޓިކެޓުގެ އަގު ބޮޑުކޮށްފަ އެވެ.