މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނޭތަން އަކޭގެ ފަޔަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށްޓަކައި ކުރި ސާޖަރީއަށް ފަހު، އޭނާ 10 ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ނެދަލަންޑްސްއަށް އުފަން އުމުރުން 30 އަހަރުގެ ޑިފެންޑަރުގެ ވައަތު ފަޔަށް ލިބުނު އަނިޔާއިން ރަގަޅުވުމަށްޓަކައި އޭނާ ސާޖަރީ ހަދާފައިވަނީ މިދިޔަ ހަފްތާގަ އެވެ. ނޭތަން އަކޭ ވަނީ އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ޕްލައިމަތާ ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ކުޅެފައެވެ. އަދި މެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ފާއިތުވެދިޔަ ދެ ސީޒަނުގައި ސިޓީން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ނޭތަން އަކޭއަށް މި ސީޒަނުގައި އަނިޔާގެ ސަބަބުން އޭނާގެ އަސްލު ކުޅުން ދެއްކިފައިނުވާއިރު، އޭނާ މި ސީޒަނުގައި ކުޅެފައިވަނީ 18 މެޗެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ނޭތަން އަކޭ ސާޖަރީއެއް ހަދަން ޖެހުނީ އަނިޔާ ސީރިއަސް ވުމުން ކަމަށެވެ.
"ސާޖަރީ ހަދަން ޖެހުނީ އަނިޔާ ސީރިއަސް ވުމުގެ ސަބަބުން އަދި އެކަމަށް އަވަސް ހައްލެއް އަންނާނެކަމަށް ގަބޫލުކުރަން. ކްލަބުގެ މެޑިކަލް ޓީމުން އަހަރެން ކައިރީ ބުނެފައިވަނީ އޭނާ އަލުން ފިޓުގެ ކުޅުމުގެ ތެރެއަށް އަންނަން 10 ނުވަތަ 11 ހަފްތާ ނަގާނެ ކަމަށް." ގާޑިއޯލާ ބުންޏެވެ.
އަދި ނޭތަން އަކޭ އަލުން ފިޓުވެ މި ސީޒަނުގައި ބާކީ އޮތް ދުވަސްކޮޅުގެ ތެރޭގައި ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް އުއްމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.