ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ފޯރުކޮށްދިނުމާއި ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމަަށް ހުޅުވާލި ސުންގަޑި އިތުރުކޮށްފިއެވެ.
އައިލެންޑް އޭޥިއޭޝަންގެ ދަށުން ހިންގާ ޤައުމީ އެއަރލައިނަށް ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅި ސުންގަޑި ވަނީ ހުކުރު ދުވަހަށް ހަމަވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައީ ޖެނުއަރީ މަހު 6 ވަނަ ދުވަހުއެވެ. އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓު މޯލްޑިވިއަންގެ ދަތުރުތަކުގައި މިހާރު ބޭނުންކުރަމުންދާއިރު، ވައިޑް ބޮޑީ ދެވަނަ މަތިންދާބޯޓު ހޯދުމަށް އިއުލާނުކުރީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.
ވައިޑް ބޮޑީ ދެވަނަ މަތިންބޯޓު ފޯރުކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރަތަމަ ކަނޑައެޅި ސުންގަޑި ހަމަވެފައިވާއިރު، އައިލެންޑް އޭޥިއޭޝަން ވިދާޅުވީ ބޯޓު ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ.
މޯލްޑިވިއަންއިން ހޯދަން އިއުލާންކޮށްފައިވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. އަދި އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރުގެ ދުވަހުގެ މުއްދަތައްކަމަށްވެސް އެކަމާއި ގުޅޭ އިޢުލާނުގައިވެއެވެ.
މޯލްޑިވިއަންއަށް ފުރަތަމަ ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ވަނީ ޗައިނާގެ 3 ސިޓީއަކަށް ފަށާފައެވެ. އެއީ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށިގެންދާނެކަމަށެވެ. މި ދަތުރުތައް މިއަހަރު އޮކްޓޯބަރު މަހު ފެށުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ޚާއްސަ ގޮތެއްގައި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.