ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންގެ ނުރުހުން އެ ޓީމަށް އަމާޒުވެއްޖެއެވެ.
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އެންމެ ފަހުން ވާދަކުރި ފަސް މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. މި ސަބަބާހުރެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތަކީ ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީއެވެ. ވަކިން ޚާއްސަކޮށް ރެއާލްގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހު ރަޔޯ ވަޔަކާނޯއާ ވާދަކުރުމަށް ނުކުންނަ މެޗަކީ އަންޗެލޮޓީއަށް ނޭވާ ހިފަހައްޓާލަން ޖެހޭނެ މެޗެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރެއާލް މެޑްރިޑަށް އެ ޓީމުގެ އަސްލު ފެންވަރު ދައްކާލުމަށް ނުކުޅެދިފައިވާ އެއް ސަބަބަކީ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ދިމާވެފައިވުމެވެ. ސީޒަން ފެށުނީންސުރެން ކަހަލަ ގޮތަކަށް ޓީމުގައި އަނިޔާގެ މައްސަލަތައް ގިނަވުމާ ގުޅިގެން އަންޗެލޮޓީއަށް ވަނީ ޓީމު ފޯމަކަށް އެޅުވުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
ކުރިއަށް ހުރި މެޗުތަކުގެ ކުރިން ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންޗެލޮޓީ ގެންނާނެކަމަށް ބެލެވޭއިރު، ބުރަ ތާވަލުގެ ސަބަބުން ކުޅުންތެރިން ވަރުބަލިވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާ މެދު އޭނާ ދަނީ ވިސްނަމުންނެވެ.
ސްޕެނިޝް ލީގުގައި 57 ޕޮއިންޓާއެކު މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. އެންމެ ޕޮއިންޓެއްގެ ތަފާތަކުން އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތްއިރު، ރެއާލް މެޑްރިޑަށް ތާވަލުގެ ތިންވަނަ ލިބިފައިވަނީ 54 ޕޮއިންޓާއެކުގައެވެ.